ބަނޑުބޮޑުވުމުން ކިއާރާ މަސައްކަތުން ބްރޭކަކަށް

ބޮލީވުޑް ބަތަލާ ކިއާރާ އަދުވާނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ދާދި ފަހުން އަލަތު ދަރިފުޅަށް ބަލިވެއިންކަން އިޢުލާނުކުރި ބޮލީވުޑް ބަތަލާ ކިއާރާ އަދުވާނީ ލީޑް ބަތަލާގެ ރޯލް ކުޅެން ހަމަޖެހިފައިވާ ފިލްމު "ޑޮން 3"އިން ލިބުނު ފުރުސަތު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފަރުހާން އަޚްތަރުގެ އަމިއްލަ ފިލްމު ކުންފުނިން އުފައްދާ ފަރުހާން ޑައިރެކްޓްކުރާ އެންމެ މަގުބޫލު ފްރެންޗައިސް ފިލްމު "ޑޮން 3"ގެ ރޯލްއިން ކިއާރާ ވަކިވާން ނިންމީ އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން މާބަނޑު ދުވަސްވަރު އަމިއްލަ ސިއްހަތަށާއި ލިބެން އުޅޭ ދަރިފުޅުގެ ސިއްހަތަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިއާރާ ފިލްމު "ޑޮން 3"އަށް ސޮއިކުރިކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ. މި ފިލްމަކީ ފަރުހާން އަޚްތަރު އަދި އެކްޓަރު ރަންވީރު ސިންގާ އެކު ކިއާރާ މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފިލްމެވެ.

ކިއާރާ އަދި ސިދާތު ދެ ތަރިންގެ ކައިވެނީގެ ރަސްމިއްޔާތުގައި--ފޮޓޯ/ގަލްފްނިއުސް

ފިލްމު "ޑޮން 3"އިން ލިބުނު ފުރުސަތު ކިއާރާ ދޫކޮށްލާފައިވަނީ ބަތަލާ ފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ތަމްރީނުތަކެއް ފުރިހަމަ ކުރުމުގެ ތައްޔާރީތައްވަމުން އަންނަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ޑޮން 3"ގެ ރޯލްއިން ކިއާރާ ވަކިވި ނަމަވެސް ބަތަލާ ސޮއިކޮށްފައިވާ ވައިއާރްއެފްގެ ސްޕައިޔުނިވާސް ފިލްމު "ވޯ 2"ގެ މަސައްކަތް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި، މަޝްހޫރު ފިލްމު "ކޭޖީއެފް"ގެ އެކްޓަރު ޔަޝްއާ އެކު ކިއާރާ ފެންނާނެ ފިލްމު "ޓޮކްސިކް:އަ ފެއަރީ ޓޭލް ފޯ ގްރޯން-އަޕްސް"ގެ މަސައްކަތް ވެސް ބަތަލާ ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އަހަރު ތެރޭ މަސައްކަތް ފަށާނެ ކަމަށް ދާދި ފަހުން ޑައިރެކްޓަރު/އެކްޓަރު ފަރުހާނު އިއުލާނުކޮށްފައިވާ "ޑޮން 3"ގެ ކާސްޓުން ބަތަލާ ކިއާރާ ވަކިވިއިރު މި ފިލްމުގެ ކާސްޓާ އެކްޓަރު ވިކްރާންތު މަސޭ ގުޅިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް