ފަނޑިޔާރުންނާ ދެކޮޅަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން 56 ފިޔަވަޅު އެޅި ކަމަށާއި، ނަމަވެސް މި ސަރުކާރުން މިހާތަނަށް އެޅީ ފަސް ފިޔަވަޅު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރުންނާ މެދު އަޅާފައިވާ ފިޔަވަޅުތަަކަށް ބަލާއިރު، ފަނޑިޔާރު ގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައި ވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު ކަމަށެވެ.
އަދި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން "ސުލޫކީވުން" ނިމުމަކަށް ގެނައީ މި ސަރުކާރު އައުމަށްފަހު ނޮވެމްބަރު 2023ގައި ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވަނީ މިދިޔަ ސަރުކާރާއި މި ސަރުކާރުން ފަނޑިޔާރުންނާ މެދު އަޅާފައިވާ ފިޔަވަޅުތަކުގެ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ.
އެގޮތުން ނޮވެމްބަރު 2018އިން ނޮވެމްބަރު 2023ގެ ނިޔަލަށް އެމްޑީޕީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ:
- މަގާމުން ވަކިކުރި ފަނޑިޔާރުންގެ އަދަދު: 08 ފަނޑީޔާރުން
- ސަސްޕެންޑުކުރި ފަނޑިޔާރުންގެ އަދަދު: 12 ފަނޑީޔާރުން
- މަގާމު ދަށްކުރި ފަނޑިޔާރުންގެ އަދަދު: 03 ފަނޑިޔާރުން
- ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި ނަސޭހަތްދިން ފަނޑިޔާރުންގެ އަދަދު: 33 ފަނޑިޔާރުން
މި ސަރުކާރު އައުމަށްފަހު ނޮވެމްބަރު 2023އިން ފެބްރުއަރީ 2025ގެ ނިޔަލަށް ފަނޑިޔާރުންނަށް އަޅާފައިވާ ފިޔަވަޅުތައް:
- މަގާމުން ވަކިކުރި ފަނޑިޔާރުންގެ އަދަދު: 0 ފަނޑީޔާރުން
- ސަސްޕެންޑުކުރި ފަނޑިޔާރުންގެ އަދަދު: 03 ފަނޑީޔާރުން
- މަގާމު ދަށްކުރި ފަނޑިޔާރުންގެ އަދަދު: 0 ފަނޑިޔާރުން
- ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި ނަސޭހަތްދިން ފަނޑިޔާރުންގެ އަދަދު: 02 ފަނޑިޔާރުން

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް -- ފޮޓޯ/ ރައީސް އޮފީސް
އުޝާމް އެފަދައިން ވިދާޅުވި އިރު، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ސުޕްރީމް ކޯޓުން ކުރި އަމުރަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ، އެ އޮފީހާމެދު ފިޔަވަޅު އަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ސިޓީއެއް ވަނީ ހުށަހަޅައިފައެވެ. އެއީ ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
މިދިޔަ ފެބްރުއަރީ 18ގައި ސުޕްރީމް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ދައުލަތުގެ ފަރާތުން އެދުނު ގޮތަށް ފަނޑިޔާރުންގެ ބެންޗުން ނިންމީ ޖަވާބުދާރީވުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އޭޖީ އޮފީހުން އެ މައްސަލައިގެ ޖަވާބު ފޮނުވާފައިނުވާއިރު، ޖަވާބު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށް ގާނޫނީ ވަކީލް އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިޓީގައިވެއެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަންވުމަކީ އެ އަމުރު ރައްދުވާ ފަރާތަށް ލާޒިމު ކަމެކެވެ. އަދި ފަނޑިޔާރުންގެ އަމުރުތަކަށް ކިޔަމަންނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވޭނެ ކަމަށް ވެސް އެ މާއްދާގައި އޮވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: -- ފޮޓޯ: ރައީސް އޮފީސް
ފާހަގަކޮށްލެވޭ ގޮތުގައި ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ބެލުމަށެވެ. އެއާއެކު ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ބިލެއް ފާސްކޮށްފައެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މިދިޔަ ހަފުތާގެ ތެރޭ ވަނީ ސަސްޕެންޑު ވެސް ކޮށްފައެވެ.
އެއާއެކު އެ މައްސަލަ މިހާރި އޮތީ ނުބެލި، ސުޕްރީމް ކޯޓުގައި 'މަރު ތަޅެއް' އެޅުވިފައެވެ.
ސަސްޕެންޝަނުގައި ހުންނަވަނިކޮށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު އިސްތިއުފާ ދެއްވައިފައެވެ. އިސްތިއުފާގެ ސިޓީ ފުރަތަމަ ފޮނުއްވީ ރައީސަށެވެ. އޭގެ ފަހުން ޖޭއެސްސީއަށެވެ. ހަމައެއާއެކު އިއްޔެ ވަނީ ސަސްޕެންޝަނުގައި ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިމީހާ ހައްޔަރުކުރި މައްސަލައެއް ބޭނުންކޮށްގެން، ސަރުކާރުން އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ބުނެ އަޒްމިރަލްދާގެ ގާނޫނީ ވަކީލުން ބަޔާނެއް ނެރެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނުފޫޒު ފޯރުވުމެއް ނެތި، ޖުޑިޝަރީ މިނިވަންކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެންމެ ގަދަޔަށް ދެއްކެވި އެއް ވާހަކަފުޅެވެ.
ނަމަވެސް ސަރުކާރު މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުން އަންނަނިކޮށް ކުއްލިއަކަށް އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ޕީއެންސީއިން ނިންމުމާއި، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުމުން, ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެގޮތުން މި ސަރުކާރުން ވެސް ޖުޑިޝަރީއަށް އަތް ބާނަނީކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.