މި ސަރުކާރުން ކުންފުނިތައް ހިންގަން އައްޔަންކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން 'ވައްކަމުގެ ތުހުމަތުތައް' ކުރެވިގެން ވަޒީފާއިން އިސްތިއުފާދިން ބޭފުޅުންގެ މައްސަލަތައް ބަލަން މި ސަރުކާރަށް ނުކެރޭނެ ކަމަށާއި އެއީ ތަހުގީގުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު އަންނާނެތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމަށް މިނިސްޓަރު ފެންވަރުގައި އެންމެ ފުރަތަމަ އައްޔަންކުރި އިބްރާހިމް ފަޒުލް ރަޝީދު މަގާމުން އިސްތިއުފާދެއްވީ، އޭނާއާ ގުޅޭ ޚިޔާނާތުގެ މައްސަލަތަކެއް ފެންމަތިވުމުންނެވެ. އޭނާގެ އާއިލީ ބަޔަކަށް ނުހައްގުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރިކަމުގެ ތުހުމަތު ވެސް އޭނާއަށް ކުރެވުނެވެ.
މި ސަރުކާރުން ފެނަކައަށް ފުރަތަމަ އައްޔަންކުރި މުއާޒް މުހައްމަދު ރަޝީދު ވެސް އިސްތިއުފާދެއްވީ އަމިއްލައަށެވެ. އޭނާއަށް ވެސް ޚިޔާނާތުގެ ބައެއް ތުހުމަތުތައް ކުރިއެވެ.

ފުށިދިއްގަރު ފަޅު ހިއްކަން ފެށި ދުވަހު ރައީސާއި ސަރުކާރުގެ ވެރިން -- ފޮޓޯ/ ރައީސް އޮފީސް
އޭގެ ފަހުން، ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް ފައިސަލް ވެސް މަގާމުން ވަކިކުރިއެވެ. އޭނާ ވަކިކުރި ސީދާ ސަބަބެއް ސަރުކާރަކުން ނުބުނެއެވެ. އެކަމަކު، ފައިސަލް ވަކިކުރުމަށް ފަހު ވެސް، ސަރުކާރު އެކްޓިވިސްޓުން ވަނީ ވައްކަމާއި ކޮރަޕްޝަނަށް ފުރުސަތު ނުދޭނެ ކަމަށާއި ވަކި މީހަކަށް ނުބަލާ ރައީސް ފިޔަވަޅު އަޅުއްވާނެ ކަމަށް ބުނެފައެވެ.
އެ ކަމަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ރޭ ވިދާޅުވީ، ރައީސް މުއިއްޒު ޕޯޑިއަމްތަކަށް އަރާވަޑައިގެން ރައްޔިތުންގެ އެއްވެސް ހައްގަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރަމޭ ވިދާޅުވާއިރު، ހަގީގަތް އޮތީ އެ ގޮތަށް ނޫން ކަމަށެވެ.
މި ސަރުކާރުން ވެސް އިންތިހާއަށް ކޮރަޕްޝަން ހިންގާކަން ފާހަގަކުރައްވައި، ޔާމީން ވަނީ އެ ކަންކަމުގެ މުގުލުގައި ހުންނަވަނީ ރައީސް މުއިއްޒު ކަމަށް ތުހުމަތުކުރައްވާފައެވެ.
އެ ގޮތުން، ވެމްކޯއިން އެއްޗެހި ކުއްޔަށް ނަގަން މިދިޔަ އަހަރު ހޭދަކުރި 65 މިލިއަން ރުފިޔާއަކީ ވެސް ސީދާ ރައީސް އަންގަވައިގެން ހިންގި ބޮޑު ޚިޔާނާތެއް ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، އެ މައްސަލައިގެ މުގުލުގައި ވެސް ހުންނެވީ ރައީސް މުއިއްޒު ކަމަށެވެ.
ޔާމީން ވަނީ ވައްކަމުގެ ތުހުމަތުކުރެވުނު މި ސަރުކާރުގެ އެއްވެސް ބޭފުޅެއްގެ މައްސަލަ ނުބަލަނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ. އެ ގޮތުން، މުއާޒާއި، ފަޒުލް އަދި ފައިސަލްގެ ނަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ޔާމީނާއި ރައީސް މުއިއްޒު: ޔާމީން ވިދާޅުވީ، ކޮރަޕްޝަން ހިންގަނީ ރައީސްގެ އެންގުމަށް ކަމަށް -- ސަން ފޮޓޯ/ މުހައްމަދު މާހިލް
"މި މީހުން ހިންގި ކޮރަޕްޝަންގައި، އެ މީހުން އެ ތިބީ ދޭންވާ ވަރަށް ފައިސާ ނުދީގެން ދުރުކޮށްފައި،" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެއިން ކޮންމެ ބޭފުޅަކާ ދެކޮޅަށް މަނީލޯންޑްރިންގެ ދައުވާކުރެވޭނެ ކަމަށެވެ.
އެކަމަކު، އެއިން އެއްވެސް ބޭފުޅަކު ތަހުގީގު އިދާރާއަކަށް ވެސް ހާޒިނުކުރާތީ ޔާމީން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެ މަނިކުުފާނު ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް ވެސް އެއިން ކަމަކާ އުޅެން ނުކެރެނީ ތަހުގީގުގައި ރައީސް މުއިއްޒުގެ ނަން އަންނާނެތީ ކަމަށެވެ.
"ކީއްވެގެންހޭ މިއިން އެއްވެސް މީހަކު ތަހުގީގު އިދާރާއެއްގެ ކުރިމައްޗަށް ނުގެންނަނީ؟ ޕްރޮސެކިއުޓާ ޖެނެރަލް ކޮންތާކުހޭ އެ ހުރީ؟ އޭނާއަށް ހީވަނީހެއްޔޭ މި ކަންކަން ކޮށްފިއްޔާ މުއިއްޒުގެ ނަން ތަހުގީގުގައި އަންނާނެހެން؟ [ސަތޭކަ] 100 ޕަސެންޓު. މުއިއްޒުގެ ނަން ނޫން ނަމެއް ނާންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން: އެ މަނިކުފާނު ވިދާޅުވީ، ވައްކަންތައް ބަލަން މި ސަރުކާރަށް ނުކެރޭނެ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް
ޔާމީން ވިދާޅުވީ، އެ ބޭފުޅުންގެ މައްސަލަތައް ތަހުގީގުނުކޮށް، ރައްޔިތުންގެ ހައްގަކަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ނުކުރާނަމޭ ވިދާޅުނުވެވޭނެ ކަމަށެވެ.
"ދެން ހުރީ ޕްރޮސެކިއުޓާ ޖެނެރަލް. އޭނާއަކަށް ނުކެރޭނެ މިކަން ކުރަން ގޮވައިލާކަށް. ދެން އޮތީ މަޖިލީސް. މަޖިލީހަކީ އަތްފައި، ކަސްތަޅުން ފުރިފައި އޮތް ތަނެއް،" އެ މަނިކުފާނު ފާޑުވިދާޅުވިއެވެ.
މި ސަރުކާރަށް ވެސް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭއިރު، ޔާމީން ގެންދަވަނީ އެއީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން ކުރައްވާ ކަންތައްތަކެއް ކަމަށް ތުހުމަތުކުރައްވަމުންނެވެ. އެކަމަކު، ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެއެވެ.
ސަރުކާރުން ވަނީ ކޮރަޕްޝަނަށް ކުޑަ ވެސް ފުރުސަތެއް ނުދޭނެ ކަމަށް ބުނެފައެވެ.