އަޒުމަކަށް ވާންވީ ދީނަށް އަމަލުކުރާ، ދިވެހީންގެ ސިފަތަކަށް ގަދަރުކުރާ މީހަކަށް ވުން: ރައީސް

ރައީސުލްޖުމުހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު: އަޒުމަކަށް ވާންވީ ދީނަށް އަމަލުކުރާ، ދިވެހިންގެ ސިފަތަކަށް ގަދަރުކުރާ މީހަކަށް ވާން: ޕޮޓޯ/ ރައީސް އޮފީސް

އަޒުމަކަށް ވާންވީ ދީނުގެ އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ސިފަތަކަށް ގަދަރުކުރާ މީހަކަށް ވުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބެއްގައެވެ.

އެ މަނިކުފާނު ވިދާޅުވީ މި އަޒުމާއެކު ރޫޙާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތާހިރުކަން ލިބި، މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެކަމަށެވެ.

ދިވެހީންގެ ތެރޭގައި މިއަދު ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމަށްޓަކައި މި ޒަމާނުގައި ބޭނުންވަނީ ޢިލްމީ ހަމަތަކެއް ކަމަށެވެ.

ހަމަ އެހެންމެ، ދިވެހީންގެ ތަރިކަތައް ޒަމާނީ ޓެކްނޮލޮޖީއާއި އިޤުތިޞާދީ ވިސްނުން ޝާމިލުކޮށްގެން ދިވެހީންގެ ސަގާފަތް އަބަދުވެސް އިސްލާހުކުރެވެމުން ދާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ހެޔޮނުބައި ކަނޑައެޅުމަށް ދިވެހީން ބޭނުންކުރާ މިންގަނޑަކީ މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރައްވައި، ރައީސް އިތުރަށް ވިދާޅުވީ، ދިވެހީން އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ޤައުމިއްޔަތަށް އައި އެންމެ ހެޔޮ އިންޤިލާބު ކަމުގައެވެ.

"އަޚްލާޤަށް ބަލާއިރު، ފަސްވަގުތު ނަމާދަށް ދިޔުމާއި، ވެރީންނަށް އިޙްތިރާމުކުރުމާއި، އަމާނާތްތެރިކަން އާންމުވިއެވެ. ވަކިން ޚާއްޞަކޮށް، ގުޅުންތެރިކަމަށް ބަލާއިރު، އެންމެހައި ދިވެހީންނަކީ އަޚުންތަކެއް ކަމަށް ގަބޫލުކުރެވި، އެކަކުއަނެކަކަށް އަޅައިލައި، ހަމްދަރުދީވުމުގެ ރީތި މިސާލުތަކަށް، ބޭރުގެ ލިޔުންތެރީންގެ ތާރީފުތައް އޮހެން ފެށިއެވެ،" ރައީސް ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތުގައި އިސްލާމްދީނުގެ ދައުރަކީ، ދިވެހީން ދިރިއުޅޭ ގޮތްތަކާއި އާދަކާދަތައް، ނުވަތަ ދިވެހި ސަގާފަތް އިސްލާމްދީނުގެ އިންތަކަށް ފެތޭހެން އިސްލާހުކުރުން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ޤައުމީ ތާރީޚުގައި ޚާއްސް ދުވަހެއް ކަމަށާއި، އެއީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރެވޭތީކަމުގައެވެ.

ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހާ މި ފަހަރު ބައްދަލުކުރީ ރަމަޟާން މަހުގެ ތެރޭގައިކަމީ، މި ހެޔޮ އިއްތިފާޤާ މެދު ވިސްނާލުމުގެ ބޭނުން ވަރަށް މުހިންމުކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް