އައްޑޫ ކަރަންޓު މައްސަލަ: ހައްލެއް ނުލިބުމުން އިހުތިޖާޖަށް ނިކުންނަން ނިޒާރު ގޮވާލައިފި

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު --

އައްޑޫ ސިޓީގެ ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް ނުލިބުމުން، އެ ކަމާ އިހުތިޖާޖުކުރަން ނިކުންނަން އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ގޮވާލައިފިއެވެ.

އައްޑޫ ސިޓީގެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވާއިރު، އަންނަ ހަފުތާގައި އެ ސިޓީއަށް 1.8 މެގަވޯޓުގެ ޖަނެރޭޓަރެއް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ވަނީ ބުނެފައެވެ.

އައްޑޫއަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކައިންނެވެ. އައްޑޫ ސިޓީގައި 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް، އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށްފައި ވަނީ ނިމިދިޔަ ފެބުރުވަރީ މަހުގެ 21ވަނަ ދުވަހުއެވެ.

ނަމަވެސް، އަދިވެސް އެ ސިޓީގެ ކަރަންޓު މައްސަލަ ހައްލެއް ނުވެއެވެ.

މި ކަމާ ގުޅިގެން ފޭސްބުކްގައި ނިޒާރު މިރޭ ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓުގެ އަސާސީ ހައްގުން މަހުރޫމުކޮށް، އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރު އިހުމާލުވެފައިވާ ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް ޓަކައި، ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރަމުން ނުދާތީ އައްޑޫ ސީޓިގެ ރައްޔިތުން އިހުތިޖާޖަށް ނިކުތުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/203342

އައްޑޫގެ ކަރަންޓު މައްސަލައިގައި ފެނަކައިގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ، އެ މައްސަލައަކީ ހަ އަހަރު އިންތިޒާމީ ގޮތެއްގައި ވެފައިވާ އިހުމާލުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.

އެހެންވެ، ނިމިދިޔަ ދެ މަހުގެ ތެރޭގައި ކުރިއަށް ވުރެ ބޮޑަށް ކަރަންޓު މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން އިތުރަށް ބުނީ، މިހާރު އެ ސިޓީގައި ހުރި އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅުކޮށްގެން ޖަނަރޭޓަރު ސެޓުތަކުގެ ޕާފޯމަންސް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެ މަސައްކަތް ކުރުމަށް ރާއްޖޭން ބޭރުން ބައެއް ތަކެތި ގެންނަން ޖެހޭ ކަމަށާއި އެހެންވެ، އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މީގެކުރިން ވަނީ، ފެނަކައިގެ އިސްވެރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރަން އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ރައީސަށް އަޒާން ފޮނުވި ސިޓީގައި ވަނީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫ ސިޓީގެ އާބާދީ 25,062އަށް އަރައެވެ. އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ޒަމާންތަކެއް ވެފައިވާއިރު، ކަރަންޓު ކެނޑޭ މައްސަލަތަކުގެ ތެރޭގައި ފެނަކައިން ފާހަގަކުރަނީ ޑިމާންޑު ބޮޑުވުމާއި މަގު ހެދުން ފަދަ މަސައްކަތްތަކުގައި ކޭބަލްތަކަށް ގެއްލުންވުމެވެ.

comment ކޮމެންޓް