ރަމަޟާން މަހަކީ އެހެން މަސްތަކާ ޚިލާފަށް އަޅުގަނޑުމެން ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރާ މަހެކެވެ.
އެހެން މަސްތަކުގައި ރޭގަނޑު ގަދަ ނިދީގައި ތިއްބަސް ރޯދަ ވީއްލުމަށްފަހު ހާރުކެއުމުގެ ވަގުތާ ހަމައަށް ގިނަވަގުތު އަޅުކަމުގައި ބައެއް މީހުން ހޭދަކުރާއިރު އަނެއްބަޔަކު ވަގުތު ހޭދަކުރަނީ ކޮންމެވެސް ކަހަލަ ކުޅިވަރެއް ކުޅުމުގައެވެ.
ރަނގަޅަށް ނިދުމުގެ އާދަ ރަމަޟާން މަހު ނުގެންގުޅެވިއްޖެނަމަ ސިއްހީގޮތުން އޭގެ ނޭދެވޭ އަސަރު ކޮށްފާނެކަމަށް އެމެރިކަން ހޮސްޕިޓަލް ދުބާއީގެ ކޮންސަލްޓަންޓް ޕުލްމަޑޮލޮޖިސްޓް، މަޒެން ޒޯވަހީދުގެ ލިޔުއްވުމެއްގައި ވަނީ ފާހަގަކުރައްވާފައެވެ.
އާދައިގެ އެހެން ދުވަސްތަކެކޭ އެއްގޮތަށް އަށް ގަޑިއިރުގެ ނިދި ރޯދަ މަހު ވެސް ހަށިގަނޑަށް ބޭނުންވާ ކަމަށް މި ލިޔުމުގައި ޑރ. މަޒެން ވަނީ ފާހަގަކުރައްވާފައެވެ.

ރޯދަ މަހު ކެފެއިން އެކުލެވޭ ބުއިންތަކުން ދުރުވުމަކީ ފަސޭހައިން ނިދި އައުމަށް އެހީވެދޭނެ ކަމެއް--ފޮޓޯ/އޮކްޓަވިއަސް
ރޯދައަށް ހުރެ ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ނިދި ނުލިބޭނަމަ މުޅި ދުވަހު މީހާ ވަރުބަލިކޮށް ޖެހިގެން އަންނަ ދުވަހު ރޯދައަށް ހުރުމުގައި ހުރަސްތަކެއް ދިމާވާ ކަމަށް މި ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.
ރޯދައަށް ހުރުމަކީ އޭގެ ސަބަބުން ހަށިގަނޑަށް ސިއްހީގޮތުން ވެސް ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމަކަށް ވާއިރު ރަނގަޅަށް ނުނިދޭ ނަމަ އެކަމުން ހަށިގަނޑަށް މާބޮޑު ފައިދާއެއް ނުކުރާނެއެވެ.
ހަށިގަނޑަށް ބޭނުންވާ ނިދި ފުރިހަމައަށް ލިބުމުގެ ސަބަބުން ސިކުނޑި މަސައްކަތްކުރުން އިތުރަށް ރަނގަޅުވެ، ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ހައިޕަޓެންޝަން، އޮބޭސިޓީ އަދި ހަކުރު ބައްޔަށް މީހާ ހުށަހެޅުމާ ދުރުކޮށްދެއެވެ. ހަމައެއާއެކު ހިތުގެ ބަލިތަކާ ވެސް މީހާ ދުރުކޮށްދެއެވެ.

ރޯދަ މަހު ލުއި ކަސްރަތެއް ކޮށްލުމަކީ ވެސް ފަސޭހައި ނިދާލަން އެހީވެދޭ ކަމެއް--ފޮޓޯ/އިސްލާމިކްރިލީފް
ރަމަޟާން މަހު ރަނގަޅު 'ސްލީޕް ސައިކަލް'އެއް ގެންގުޅެން ބޭނުންވާ ނަމަ ނިދުމުގެ ރަނގަޅު ތާވަލެއް ތައްޔާރުކޮށް އެއާ އެއްގޮތަށް ނިދުމުގެ ވަގުތުތައް ހަމަޖައްސާލުމަށް ސަމާލުކަން ދިނުމަށް ޑރ. މަޒެން ވަނީ ލަފާދެއްވާފައެވެ.
ރޯދަ މަހު ހަށިގަނޑަށް ރަނގަޅަށް ނިދި ހޯދުމަށް ކުރެވިދާނެ މުހިއްމު ކަންކަމުގެތެރޭ، ކެފެއިން އެކުލެވޭ ބުއިންތައް ނިދާ ވަގުތާ ކައިރިކޮށް ބުއިމާ ދުރުހެލިވުން ހިމެނެއެވެ.
ހަމައެއާއެކު ރޯދަވީއްލާ ވަގުތު އެއްފަހަރާ މާގިނައިން ނުކެއުމަށާއި، ނިދުމުގެ ކުރިން މާ ބުރަހެލިކޮށް ކަސްރަތު ކުރުމާ ދުރުހެލިވުން އަދި ނިދާ ކޮޓަރިއަކީ މިހާ ރިލެކްސް ކޮށްލާނެ ސިކުނޑިއަށް އަމާންކަމެއް ގެނެސްދޭނެ ތަނަކަށް ހެދުން މުހިއްމު ކަމަށް ޑރ. މަޒެންގެ ލިޔުމުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން ދުވާލު ވަގުތު ކޮންމެވެސް މިންވަރަކަށް ކުޑަ ނެޕެއް ނެގުމުން ވެސް ސިކުނޑި ތާޒާވެ ލިބިފައިވާ ވަރުބަލިކަން ފިލައިގެންދާނެއެވެ.
ތިޔައީ ފަސޭހައިން ނިދި ނާންނަ މީހެއް ނަމަ ނިދުމުގެ ކުރިން ތާފަނާ ފެނުން ފެންވަރާލުމަކީ ވެސް ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަން ފިލާ ހަށިގަނޑަށް އިތުރު ތާޒާކަމެއް ގެނެސްދޭނެ ކަމެކެވެ.