ރާނބާފަތް: މިއިން ލިބޭ ފައިދާތައް އެނގޭތަ؟

ރާނބާފަތް: ފައިދާތައް ގިނަ ކެއްކުމުގައި ބޭނުންކުރާ މުހިއްމު ބާވަތެއް--ފޮޓޯ/މޭޝްޑް

ރާނބާ ފަތަކީ ދިވެހިން ކެއްކުމުގައި ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ.

ރާނބާފަތަކީ ކަށިނެތް ކަށިމާ ގަހަކާ ވައްތަރު ގަހެއްގައި އަޅާ ފަތެކެވެ. ލުއި މީރު ވަހެއް ހުންނަ މި ފަތް އާއްމުކޮށް ރިހަ ކެއްކުމަށް ބޭނުންކުރި ނަމަވެސް އޭޝިއާގެ ވަރަށް ގިނަ ޤައުމުތަކުގައި ރާނބާއަކީ އެކި ވައްތަރުގެ ފޮނި ކެއުންތައް ކެއްކުމުގައި ބޭނުންކުރާ ވަރަށް މުހިއްމު ބާވަތެކެވެ.

އޭޝިއާ އެކޭ އެއްގޮތަކަށް އިރުމަތީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރާނބާ ފަތަށް ލިބެމުން އަންނަ މަގުބޫލުކަން އިތުރުވަމުން އަންނައިރު މި ފަތުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ކެއުމުގައި ރާނބަފަތް ހިމަނަމުންނެވެ.

ރާނބާފަތް ބޭނުންކޮށްގެއް ތައްޔާރުކޮށްފައިވާ ކޭކެއް--ފޮޓޯ/ޕިންޓްރެސްޓް

ރާނބާފަތުގައި އެކުލެވޭ ސިއްހަތަށް ފައިދާހުރި މުހިއްމު މާއްދާތަކުގެތެރޭ ޕްރޮޓީންސް، ކާބްސް، ފެޓް، ފައިބާ، އަޔަން، ކެލްސިއަމް އަދި ފޮސްފަރަސް ހިމެނެއެވެ.

މަޝްހޫރު ލިޔުންތެރިއެއްގެ އިތުރުން އެމެރިކާގެ ހޯސްޓަންއަށް ނިސްބަތްވާ ރެޖިސްޓަޑް ޑައިޓީޝަން ލިސާ ވޯޓްންބާގް ރާނބާފަތުން ލިބޭ ސިއްހީ މުހިއްމު މާއްދާތަކާ ގުޅޭގޮތުން ނެރުނު ލިޔުމެއްގައި ބުނެފައި ވަނީ، ރާނބާފަތުން ތައްޔާރުކުރާ ޕޭސްޓަކީ ބީޓާ ކެރޮޓީންގެ މާއްދާ އޭގައި މަތީ މިންވަރަކަށް އެކުލެވޭ ބާވަތެއް ކަމުގައެވެ.

ރާނބާފަތަކީ ކުކުޅު ފަދަ މަހުގެ ބާވަތް ތައްޔާރު ކުރުމަށް ވެސް ބޭނުންކުރެވޭ މުހިއްމު ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް

ހަމައެއާއެކު މީގައި އެކުލެވޭ މުހިއްމު މާއްދާއެއް ކަމަށްވާ ވިޓަމިން އޭ އަކީ ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެއް ކަމަށް މި ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

ރާނބާފަތުގެ ތެރެއަށް ކާށި ތެޔޮ އެޅުމަށްފަހު ގިނައިރު ބަހައްޓާ އެ ބޭނުންކުރުމުން އާތުރައިޓިސްގެ ސަބަބުން ހުޅުހުޅުގައި ރިއްސާ ތަދުތަކަށް ލުޔެއް ލިބޭނެ ކަމަށް އެކި ދިރާސާތަކުން ދައްކާފައިވާ ކަމަށް ލިސާ ވޯޓްންބާގް ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު ރާނބާފަތް ސައިފަތް ބުއިމަކީ ބްލަޑް ސުގަ އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ބުއިމެއް ކަމަށް ވެސް ޑައިޓީޝަން ލިސާގެ ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

މިހާތަނަށް ހޯދުނު ދިރާސާތަކުން އެނގޭ ގޮތުގައި މާގިނައިން ރާނބާފަތް ބޭނުންކުރުމަކީ ޑައިރިއާއަށް މީހާ ހުށަހެޅޭނެ ކަމެއް ކަމުން އެއްފަހަރާ މާގިނައިން ރާނބާފަތް ބޭނުން ނުކުރުމަށް ޑައިޓީޝަން ލިސާ ވަނީ އިރުޝާދު ދީފައެވެ.

comment ކޮމެންޓް