އަންނަ ހަފުތާގައި އައްޑުއަށް 1.8 މެގަވޯޓުގެ ޖަނަރޭޓަރު ސެޓެއް ފޮނުވަނީ

މިދިޔަ މަހު އައްޑޫގައި އިންސްޓޯލްކުރި 1.8 މެގަވޯޓު ޖެނެރޭޓަރު ސެޓު: އެ ސިޓީއަށް އިތުރު ޖެނެރޭޓަރު ސެޓެއް ފޮނުވަން ފެނަކައިން އަންނަނީ މަސައްކަތް ކުރަމުން --- ފޮޓޯ/ ފެނަކަ

އައްޑޫ ސިޓީގެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވާއިރު، އަންނަ ހަފުތާގައި އެ ސިޓީއަށް 1.8 މެގަވޯޓުގެ ޖަނެރޭޓަރެއް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

އައްޑޫއަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކައިންނެވެ. އައްޑޫ ސިޓީގައި 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް، އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށްފައި ވަނީ ނިމިދިޔަ ފެބުރުވަރީ މަހުގެ 21ވަނަ ދުވަހުއެވެ.

ނަމަވެސް، އަދިވެސް އެ ސިޓީގެ ކަރަންޓު މައްސަލަ ހައްލުނުވާކަން އައްޑޫގެ މޭޔަރު އަލީ ނިޒާރު ރޭ 'ސަން'އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

https://sun.mv/203317

އެ ކަމާ ގުޅިގެން ފެނަކައިގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ، އެ މައްސަލައަކީ ހަ އަހަރު އިންތިޒާމީ ގޮތެއްގައި ވެފައިވާ އިހުމާލުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.

އެހެންވެ، ނިމިދިޔަ ދެ މަހުގެ ތެރޭގައި ކުރިއަށް ވުރެ ބޮޑަށް ކަރަންޓު މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މިގޮތުން، ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭ 1.8 މެގަވޯޓުގެ އިތުރު އާ ޖަނަރޭޓާ ސެޓެއް އައްޑުއަށް ފޮނުވުމުގެ މަސައްކަތް މިހާރު ވެސް މިދަނީ ކުރަމުންފެނަކަ

ފެނަކައިން އިތުރަށް ބުނީ، މިހާރު އެ ސިޓީގައި ހުރި އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅުކޮށްގެން ޖަނަރޭޓަރު ސެޓުތަކުގެ ޕާފޯމަންސް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެ މަސައްކަތް ކުރުމަށް ރާއްޖޭން ބޭރުން ބައެއް ތަކެތި ގެންނަން ޖެހޭ ކަމަށާއި އެހެންވެ، އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މީގެކުރިން ވަނީ، ފެނަކައިގެ އިސްވެރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރަން އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ރައީސަށް އަޒާން ފޮނުވި ސިޓީގައި ވަނީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫ ސިޓީގެ އާބާދީ 25,062އަށް އަރައެވެ. އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ޒަމާންތަކެއް ވެފައިވާއިރު، ކަރަންޓު ކެނޑޭ މައްސަލަތަކުގެ ތެރޭގައި ފެނަކައިން ފާހަގަކުރަނީ ޑިމާންޑު ބޮޑުވުމާއި މަގު ހެދުން ފަދަ މަސައްކަތްތަކުގައި ކޭބަލްތަކަށް ގެއްލުންވުމެވެ.

comment ކޮމެންޓް