ސިއްޙަތަށް ނުރައްކާވެދާނެތީ ކުކިން ސޯސްއެއް ބޭނުން ނުކުރަން އަންގައިފި

ސިއްޙަތަށް ނުރައްކާވެދާނެތީ "މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް" އެތެރެނުކުރުމަށާއި ނުވިއްކަން ވަނީ އަންގާފައި --

ސިއްޙަތަށް ނުރައްކާވެދާނެތީ "މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް" ރާއްޖެ އެތެރެ ނުކުރުމަށާއި، އަދި ރާއްޖޭގައި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އަންގައިފިއެވެ.

އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ "މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑް" އިން ތައްޔާރުކޮށްފައިވާ "މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް"ގައި އެކުލެވިގެންވާ ތަކެތީގެ ތެރޭގައި ބިސް ހިމެނޭ ކަމަށެވެ.

އެހެން ނަމަވެސް އެ އުފެއްދުމުގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވާތީ، އެ ސޯސް އުފެއްދި ކުންފުނިން އޭގެ ބެޗުތައް ބާޒާރުން ނެގުމަށް އަންގާފައިވާކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އިތުރަށް ބުނީ، މި އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީޒް ނެޓްވޯކު މެދުވެރިކޮށް ވެސް އެމްއެފްޑީއޭއަށް އަންގާފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ، ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވުމަކީ މި އުފެއްދުން ބޭނުންކުރާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކަލެއް ދިމާވެދާނެފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، "މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް" ރާއްޖެ އެތެރެ ނުކުރުމަށާއި، ރާއްޖޭގައި ނުވިއްކުމަށް ވަނީ އަންގައިފައެވެ.

comment ކޮމެންޓް