ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންނަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފައި އޮތް ގޮތާ މެދު ހިތްހަމަނުޖެހިގެން، ހައުސިން މިނިސްޓްރީ ހިންގާ ދަރުބާރުގޭގައި މިއަދު އިހުތިޖާޖެއްކޮށްފިއެވެ.
ގެދޮރުވެރިޔާ ސްކީމުން ދޫކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ އާންމުކޮށްފައެވެ. އެ ސްކީމަށް 18،000އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފައިވާއިރު، މި ސަރުކާރުން ނެރުނު ލިސްޓުގައި ވަނީ ފުލެޓަށް ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށެވެ.
އެ ލިސްޓާ ގުޅޭ ގޮތުން 'ގެދޮރުވެރިން ޕޯޓަލް' މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ މިދިޔަ ހޮނިހިރު ދުވަހު ހުޅުވާލައިފައެވެ. އެ ފުރުސަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ.
އެ ލިސްޓު އާންމުކުރުމާއެކު ވެސް ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން ވަނީ ޕޮއިންޓަށް އައިސްފައިވާ ބަދަލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މައްސަލައިގައި މިއަދު ދަރުބާރުގޭގައި އިހުތިޖާޖު ކުރި މީހަކު ބުނީ، ހައުސިން މިނިސްޓްރީން ފޯމުތަކުގެ ސައްހަކަން ބަލާއިރު، އެ މަސައްކަތް ކުރާ ޓީމުގެ ތެރޭގައި ފުލެޓު ޔޫނިއަނާއި މާލެ ސިޓީ ކައުންސިލްގެ މީހަކު ހިމަނަން ގޮވާލާ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅާއިރު އިތުރު ލިޔެކިޔުން ހުށަނޭޅޭނެ ކަމަށް މިނިސްޓްރީން ބުނެފައިވާތީ ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް އިބްރާހީމް ނަޒީމްވަނީ އެ މީހުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވައިފައެވެ. އެގޮތުން އޭނާވަނީ، ލިސްޓުގައި މައްސަލައެއް ވާކަމަށް ގަބޫލުކުރާ ނަމަ، އެކަމުގެ ޝަކުވާ މިނިސްޓްރީއަށް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. އަދި، އެއްބަސްވުން ހަދާފައިވާ އެއްވެސް ފުލެޓެއްގެ ހައްގުވެރިން ކަށަވަރުނުކޮށް އެހެން މީހަކަށް އެ ފުލެޓް ލިބޭ ގޮތް މިނިސްޓްރީން ނަހަދާނެ ކަމަށް ނަޒީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި ލިޔެކިޔުން ވެސް ހުށަހެޅޭނެ ގޮތް ހެދުމަށް މަޝްވަރާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލެޓު ލިސްޓު އާންމު ކުރުމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ.
އެ ފުލެޓުތަކަށް 1،820 މީހެއްގެ ޝަރުތު ހަމަވެފައިވާއިރު، ބާކީ ފުލެޓުތައް ދޭނީ، ބާކީ 15،000 ފޯމު އިވެލުއޭޓް ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު މިދިޔަ ސަރުކާރުން އިއުލާން ކުރި ނަމަވެސް، އެ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް އޭސީސީ ބުނުމުން، އަލުން ލިސްޓު ބެލުމަށްޓަކައި ފްލެޓުތައް ހަވާލުކުރުން އޮތީ މަޑުޖައްސާލައިފައެވެ. އެއަށްފަހު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭސީސީން ވަނީ ސަރުކާރުން ވަކި ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހު، ފުލެޓު ދިނުމަށް ހުއްދަދީފައެވެ.
ހައުސިން މިނިސްޓްރީން އެއިރު ނިންމީ އެ މިނިސްޓްރީން ވެސް ލިސްޓު އަލުން ބެލުމަށެވެ. އޭގެ ފަހުން ލިސްޓު ނެރެން ތާރީޚުތަކެއް ދީ، ލިސްޓު ނުނެރޭތީ ގިނަ ބަޔަކު ނުރުހުން ވެސް ފާޅުކުރިއެވެ.
މިނިސްޓްރީން އަލުން ބެލީ، ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި، ތިން ކޮޓަރީގެ ލިސްޓުގައި 75 ޕޮއިންޓަށް ވުރެ އިތުރަށް ލިބުނު ކަމަށް ކަނޑައަޅާފައިވާ މީހުންނާއި ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންގެ ފޯމުތަކެވެ.