މައްސަލަ ހައްލެއް ނުވޭ، އައްޑޫން ގަޑިއަކު އެއް ފަހަރު ކަރަންޓް ކެނޑޭ!

އައްޑޫ ސިޓީ ހިތަދޫ: އަނެއްކާވެސް އައްޑޫ ސިޓީއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެއްޖެ -- ފޮޓޯ/ ޕީއެސްއެމް

އައްޑޫއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ، މިހިނގާ ރަމަޟާންމަހު ވެސް އެ ސިޓީން ގަޑިއަކު އެއްފަހަރު ކަރަންޓު ކެނޑޭ މައްސަލަ ފެންމަތިވެއްޖެއެވެ.

އައްޑޫއަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކައިންނެވެ. އައްޑޫ ސިޓީގައި 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް، އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށްފައި ވަނީ ނިމިދިޔަ ފެބުރުވަރީ މަހުގެ 21ވަނަ ދުވަހުއެވެ.

https://sun.mv/202868

ނަމަވެސް މިރޭ އައްޑު ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ މިހިނގާ ރަމަޟާން މަހު ވެސް އެ ސިޓީއިން ކަރަންޓު ކެނޑެމުން އަންނަކަން 'ސަން'އަށް ކަށަވަރު ކޮށްދީފައެވެ.

ނިޒާރު ވަނީ މިއަދު ހަވީރުން ފެށިގެން އެ ސިޓީގެ ހުރިހާ އަވަށްތަކުން ގަޑިއަކު އެއްފަހަރު ކަރަންޓު ކެނޑެމުން ދާކަމަށާއި ކަރަންޓު ކެނޑޭނެކަމަށް ނޯޓިސް ދެމުން އަންނަ ކަމަށް ބުނެފައެވެ.

"ކަރަންޓު ކެނޑެމުން ދަނީ ހުރިހާ އަވަށްތަކުންވެސް. ގަޑިއިރަކުން ގަޑިއިރަކުން ނޯޓިސް އެބަ ފޮނުވާ." މޭޔަރު ނިޒާރު ވިދާޅުވިއެވެ.

'ސަން'އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ހިތަދޫ މާމެންދޫ ދާއިރާގެ މެމްބަރު އައިމިނަތު އަދާލާ ރަޝީދު ވިދާޅުވީ މި ރޯދަމަހުގެ ފުރަތަމަ ދެ ދުވަހު ކަރަންޓު ކެނޑިގެން ކައުންސިލަށް ޝަކުވާއެއް ނުލިބޭ ކަމަށެވެ. ނަމަވެސް މި ދެދުވަހު ކަރަންޓު ކެނޑޭތީ އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދާލާ ވިދާޅުވީ ރޯދަމަސް ފެށުމުގެ ކުރިންވެސް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ހުރިހާ ލެވެލްއެއްގެ ވެރީންނާއި ކައުންސިލުން ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސްތަކާއި މިނޫންވެސް ބޭނުންވާ ތަކެތި އައްޑޫއަށް ގެންދެވުނުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

"ރޯދަ އައުމުގެ ކުރިން ރޯދައަށް ކަރަންޓުގެ މައްސަލަ ހައްލުކަރަން އަޅުގަނޑުމެންނަށް ހުރިހާ ވެރީންނާވެސް ވާހަކަދެކެވުނު ހަމަ ހުރިހާ ލެވެލްއެއްގައި. އިންޖީނަށް ބޭނުންވާ ސްޕެއާ ޕާޓްސްތަކާ އެއްޗެހިވެސް ގެނެވުނު އައްޑޫއަށް އެކަމަކު ނޭނގެ މި ވާގޮތެއް." ކައުންސިލް މެމްބަރު އަދާލާ ވިދާޅުވިއެވެ.

އަދާލާ ވިދާޅުވީ ރޯދަމަހަކީ ކެއްކުމަށާއި އަދި އެ ނޫންވެސް ކަންކަމަށް ގިނައިން ކަރަންޓު ބޭނުންކުރަންޖެހޭ މަހަކަށްވުމުން އާންމުންގެ ޝަކުވާ ވަރަށް ގިނައިން އަންނަކަމަށެވެ.

"ވަރަށް ގިނައިން ޝަކުވާ އާދޭ ހަމަ. މިއަދުވެސް މަޣްރިބް ނަމާދަށް ބަންގި ގޮވި ގަޑީގަ ވެސް ކޮންމެވެސް ހިސާބަކަށް ކަރަންޓު ދާނެ ކަމަށް ނޯޓިސް އައިސްފަ އިން." އަދާލާ ވިދާޅުވިއެވެ.

އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މީގެކުރިން ވަނީ، ފެނަކައިގެ އިސްވެރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރަން އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ރައީސަށް އަޒާން ފޮނުވި ސިޓީގައި ވަނީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށެވެ.

https://sun.mv/201862

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫ ސިޓީގެ އާބާދީ 25,062އަށް އަރައެވެ. އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ޒަމާންތަކެއް ވެފައިވާއިރު، ކަރަންޓު ކެނޑޭ މައްސަލަތަކުގެ ތެރޭގައި ފެނަކައިން ފާހަގަކުރަނީ ޑިމާންޑު ބޮޑުވުމާއި މަގު ހެދުން ފަދަ މަސައްކަތްތަކުގައި ކޭބަލްތަކަށް ގެއްލުންވުމެވެ.

comment ކޮމެންޓް