މެލޭޝިޔާގައި ގެއްލިގެން ހޯދާ ދިވެހި ރައްޔިތެއްކަމަށްވާ އަހުމަދު އުސައިދު އިބްރާހީމް އަފީފްގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ފެނިފައި ވާކަމަށާއި އޭނާ ހުރީ ހެޔޮހާލުގައިކަން ޔަގީންކުރެވިފައި ވާކަމަށް އުސައިދުގެ ބައްޕަ މިއަދު ބުނެފިއެވެ.
މެލޭޝިއާގައި އުސައިދު ގެއްލިގެން ހޯދަންފަށާފައި ވަނީ އިއްޔެ ނޫން ކުރީދުވަހުއެވެ.
އުސައިދުގެ ބައްޕަ، އިބްރާހީމް އަފީފް މިއަދު ފޭސްބުކްގައި ހިއްސާކުރި މެސެޖެއްގައި ވަނީ އޭނާގެ ދަރިފުޅު އަހްމަދު އުސައިދު މިދިޔަ އާދިއްތަ ދުވަހުގެ 15:15ގެ ފަހުން 'ސަންވޭ ޖީއޯ'އިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ޚަބަރެއްނުވެގެން އެރޭގެ 22:00ގައި އެކަން ޕޮލިހަށް އެންގި ކަމަށެވެ.
އަދި ހަމަ އެދުވަހު މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ވެސް އެކަން އެންގި ކަމަށާއި މައްސަލަ ފައިލް ކުރި ހިސާބުން ފެށިގެން ޕޮލިހުންނާއި ހައި ކޮމިޝަންގެ ބޭފުޅުން އުސައިދު ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ.
އަދި އެކިއެކި ގްރޫޕްތަކުގަޔާއި ހެޔޮއެދޭ ފަރާތްތަކުން އުސައިދު ފެނޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ހުއްޓުމެއްނެތި ކުރަމުން ގެންދިޔަކަން އޭނާ ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
އެގޮތުން ސީސީ ޓީވީ ކެމެރާ ފްޓޭޖް ތަކުން ލިބުނު މައުލޫމާތުންނާއި ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން އާދިއްތަ ދުވަހުގެ 16:00 ހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނު ކަމަށާއި އެއީ ބަންދު ދުވަހެއްކަމުން އެމްބަސީގެ މީހަކާ އުސައިދާ ބައްދަލުވާގޮތް ނުވިކަން އޭނާގެ ބައްޕަގެ ޕޯސްޓުގައި ވަނީ ފާހަގަކޮށްފައެވެ.
"އެތާގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެންދިޔައިރު އުސައިދުގެ ވޮލަޓާއި ސްޓޫޑެންޓް ކާޑު ވަނީބޭއް ވިފައެވެ. ތިންވަނަ ދުވަހު އެމްބަސީ ހުޅުވުމާއެކު، އެތަނުގެ ކެމެރާތައް ބަލާ ޗެކްކުރިއިރު އެހިސާބުން އުސައިދު ސަލާމަތުން ހުރިކަން ވަނީ އެނގިފައެވެ." އޭނާގެ ބައްޕަ އިބްރާހީމް އަފީފް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުންޏެވެ.
ހައިކޮމިޝަނުން ފުލުހުން މެދުވެރިކޮށް ވޮލެޓާއި ސްޓޫޑެންޓް ކާޑު އާއިލާއާ ހަވާލުކޮށްފައިވާކަން އޭނާގެ ބައްޕަ ފާހަގަކޮށްފައި ވެއެވެ.
އޭނާގެ ބައްޕަ ވަނީ މިކަމާ ގުޅޭގޮތުން ގިނަބަޔަކު ސުވާލުކުރާތީ، އެކަން ސާފު ކޮށްދޭން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި މިކަމުގައި އެންމެންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ވޮލްޓާއި ސްޓޫޑެންޓު ކާޑު ފެނުން ނަމަވެސް، މިހާތަނަށް އުސައިދު ފެނިފައެއް ނުވެއެވެ. އެހެންކަމުން، އުންމީދު ކުރަނީ ވަރަށް އަވަހަށް އުސައިދުއާ ބައްދަލުވުން ކަމަށް އޭނާ ލިޔެފައި ވެއެވެ.
"އުންމީދު ކުރަނީ ވަރަށް އަވަހަށް އުސައިދު އަޅުގަނޑުމެންނާ ބައްދަލުވުން. ހެޔޮހާލުގައި އުސައިދު ހުރިކަން ކެމެރާތަކުން ފެނޭ. ހުރީ ރަތްކުލައިގެ ޓީޝާޓެއްް ލައިގެން" އޭނާގެ ބައްޕަ ލިޔެފައި ވެއެވެ.
މެލޭޝިޔާގައި ދިވެއްސަކު ގެއްލިގެން އުޅޭކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދީފައި ވަނީ އިއްޔެގައެވެ. އެމީހާ ހޯދުމަށް ގިނަ ބަޔަކު ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އޭނާގެ ފޮޓޯ ހިއްސާކޮށް، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ނަމަ، އެމައުލޫމާތެއް ރާއްޖޭގެ ހައިކޮމިޝަނާ ހިއްސާކުރަން އެދިފައި ވެއެވެ.