ދަތުރުވެރިންގެ މާރުކޭޓުގައި ކުރުނބާ މަދުވެ, އަގު އުފުލިއްޖެއެވެ.

މާރުކޭޓުގެ ގޮޅިއެއްގައި ތަރުކާރީ އާއި މޭވާ ވިއްކާ އާދަމް މޫސާ ބުނީ، ކުރުނބާ އެތެރެކުރުން މަދުވީ އަތޮޅުތެރޭގެ ރަށްރަށުން ވިއްކަން ކިޔާ އަގު ބޮޑުވުމުން ކަމަށެވެ.
އެގޮތުން، ކުރުނބަލެއް އަތޮޅުތެރޭގެ ވިޔަފާރިވެރިން ވިއްކަނީ 35 ރުފިޔާ އާއި 45 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަމަށް އޭނާ ބުންޏެވެ. މިހާރު މާލޭ ބާޒާރުގައި ކުރުނބަލެއްގެ އަގު ހުރީ 50 ރުފިޔާގައި ކަމަށްވާއިރު، 1.5 ލީޓަރުގެ ކުރުނބާ ފަނި ފުޅިއެއް ވިއްކަނީ 130 ރުފިޔާ އާއި 140 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
"މާރުކޭޓަކު [ކުރުނބަލެއް ނެތް] އެހާ ވަރަކަށް. ރާއްޖެތެރޭ ރަށްރަށުން މީހުން މާ ޑިމާންޑޫ ބޮޑުކޮށްލައިގެން ވާހަކަދައްކައިގެން އެއްޗެހީގެ އަގު ބޮޑުކޮށްގެން އުޅޭތީ މިއުޅެނީ މައްސަލަޖެހިގެން," އާދަމް ބުންޏެވެ.
މިފަހުން އަގު އުފުލުނު ކާއްޓެއްގެ އަގު އަދި ވެސް ގިނައިން ހުރީ 40 ރުފިޔާގައެވެ. އެކަމަކު، ބައެއް ގޮޅިގޮޅިން 25 އަދި 30 ރުފިޔާއަށް ވެސް ވަކިން ކާއްޓެއް ވިއްކައެވެ. އަދި، ކާށި ބަސްތާއެއް ލިބެން ހުރީ 1600 ރުފިޔާއަށެވެ.
ރޯދަ މަހަށް އެންމެ ޑިމާންޑު ބޮޑު ދެބާވަތް ކަމަށްވާ ޖުމްހޫރީ މޭވާއާއި ކަރާ ކިލޯއެއްގެ އަގު ހުރީ ހިފެހެއްޓިފައެވެ. މިގޮތުން، ކަރާ ކިލޯއެއް ވިއްކަނީ 25 ރުފިޔާ އާއި 30 ރުފިޔާއާ ދެމުދުގައި ކަމަށްވާއިރު، ޖުމްހޫރީ މޭވާ ކިލޯއެއް ލިބެން ހުރީ 130 ރުފިޔާއަށެވެ.
އެހެން އަހަރުތަކުގައި އަގު އުފުލޭ ކަނޑޫދޫ މިރުހުގެ އަގު މިއަހަރު ބޮޑެއްނުވެއެވެ. މިހާރު ގޮޅިތަކުގައި މިރުސް ކިލޯއެއްގެ އަގު ހުރީ 230، 250 އަދި 280 ރުފިޔާގައެވެ. އަދި، ކެރެޓު ކިލޯއެއްގެ އަގު 55އަށް އުފުލިފައިވާއިރު، ކުއްޅައްފިލާފަތް ބޮނޑިއެއް ލިބެނީ 10 ރުފިޔާއަށެވެ.
ކޮޕީފަތް އަދި ހިކަނދިފަތް ބޮނޑިއެއް މާރުކޭޓުގައި ލިބެން ހުރީ 10 ރުފިޔާއަށެވެ.
comment ޖިލްބަންޑު
3 week 3 day ago
ވެލްކަމްޓު މޯލްޑިވުސް.. 50،000ރ އަށް އެޕަލް ލެޕްޓޮޕް ގަނެގެން 25،000ރ އަށް ފޯނުގަނެގެން، ތިބިބަޔަކަށް 50ރ ދީފަ ކުރުނބަލެއް ބޯލުން މާބޮޑުކަމަކަށް ނުވާނެއްނު.