އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފުތަރުކުރުމަށް މިހާރު ބޭނުންކުރަމުންދާ "ދިރިތި" ޕޯޓަލްގެ ޚިދުމަތް، ސަރުކާރުގެ އެއް ވިއުގަ "ވަން ގަވް" ޕޯޓަލްއަށް ބަދަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އަންނަ އާދިއްތައިން ފެށިގެން މި ޚިދުމަތް ފޯރުކޮށްދޭނީ ވަން ގަވް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މި ބަދަލާ ގުޅިގެން، މާދަމާ މެންދުރުފަހު 14:00 އިން ފެށިގެން ދިރިތި ޕޯޓަލް މެދުވެރިކޮށް މި ޚިދުމަތް ދިނުން މެދުކަނޑާލާނެއެވެ.
އެމްއެފްޑީއޭއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޚިދުމަތް މެދުކަނޑާލާ މުއްދަތުގެ ތެރޭގައި މިހާރު ދިރިތި ޕޯޓަލްގައި ދަފުތަރުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ވަން ގަވް ޕޯޓަލްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
އެހެންކަމުން، އާދިއްތައިން ފެށިގެން އަލަށް ދަފުތަރުވާން އެދޭ ފަރާތްތަކުންނާއި ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކުން ބޭނުންކުރަން ޖެހޭނީ ވަން ގަވް ޕޯޓަލްއެވެ.
މި ބަދަލަކީ ޚިދުމަތްތައް ލާމަރުކަޒީކޮށް، އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 7603203 ނުވަތަ 34221 އަށް ގުޅުއްވުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.