ސުޕްރީމް ކޯޓުގެ ދިފާއުގައި އިބްރާ ހައިކޯޓަށް ހުށަހެޅި މައްސަލަ އަދި ބަލައިނުގަނޭ

އިބްރާހިމް އިސްމާއިލް (އިބްރާ): ސުޕްރީމް ކޯޓުގައި ތަޅުއަޅުވާފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ ހައިކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައި --- ސަން ފޮޓޯ/ މުހައްމަދު މާނިއު

އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ސިޔާސީ ދާއިރާގެ ތަޖުރިބާކާރު އިބްރާހިމް އިސްމާއިލް (އިބްރާ)، ސުޕްރީމް ކޯޓުގެ ދިފާއުގައި ހައިކޯޓަށް ހުށަހެޅެއްވި މައްސަލަ ބަލަގައިތުމާ މެދު މިހާތަނަށް ގޮތެއް ނިންމައިފައި ނުވާ ކަމަށް އެ ކޯޓުން މިއަދު ބުނެފިއެވެ.

އިބްރާ މިދިޔަ ހުކުރު ދުވަހު ހައި ކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު މިދިޔަ ބުދަ ދުވަހު ސަސްޕެންޑުކުރުމާ ގުޅިގެންނެވެ.

އިބްރާ މައްސަލަ ހުށަހެޅުއްވީ، އެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމަކީ އެކޯޓުގައި ތަޅުއެޅުވުން ކަމަށް ވިދާޅުވެއެވެ.

އެކަމާ ގުޅުވައި، ހައި ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ، މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް ގޮތެއް ނުނިންމާ ކަމަށެވެ.

ހައިކޯޓު: އިބްރާ ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު އެކޯޓުން އަދި ގޮތެއް ނުނިންމާ --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެ މައްސަލައާ ގުޅޭ ގޮތުން އިބްރާ މީގެ ކުރިން ވިދާޅުވެފައިވަނީ، ސިޔާސީ ކަންކަމަށް ހައްލު ހޯދާނީ ސިޔާސީ ދާއިރާއިން ކަމަށެވެ. އެ ކަމަށް ގާނޫނުއަސާސީއާއި ޖުޑިޝަރީ އުވާލައިގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެެވެ.

https://www.sun.mv/203171

ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ކަމަށްވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. ޖޭއެސްސީން ވެސް ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަމުން އަންނައިރު، އެ މައްސަލަތަކާ ގުޅޭ ތަފުސީލެއް މިހާތަނަށް ދެ ކޮމިޝަނުން ވެސް ހާމަކޮށްފައިނުވެއެވެ.

އެ ތިން ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިރުދައްކަވައި، ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ، އިއްޔެ މަގާމުން އިސްތިއުފާދެއްވައިފައެވެ. ސުއޫދުގެ އިސްތިއުފާގެ ސިޓީގައިވަނީ ނުފޫޒު ފޯރުވުމުގެ ތުހުމަތު ރައީސްގެ އިތުރުން، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ޖޭއެސްސީގެ ރައީސް އަދި މާފުށީ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން ރިޒާ އާދަމާއި އޭސީސީގެ ރައީސް އާދަމް ޝާމިލަށް ވެސް ކުރައްވައިފައެވެ.

https://www.sun.mv/203312

އެ ބޭފުޅުން ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވަނީ، ޕާޓީތަކުން ވަކިކުރާ އަދި އަމިއްލައަށް ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަށް ކަމަށް ސުއޫދު ވިދާޅުވެފައިވެއެވެ.

އެ މައްސަލަ ބަލަން އެ ކޯޓުން ނިންމި ފަހުން، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ފާސްކޮށްފައެވެ.

ތިން ފަނޑިޔާރު ސަސްޕެންޑުކުރީ އެ ބިލް ފާސްކުރި ދުވަހެވެ. އެއީ، ގޮނޑި ގެއްލޭ އިސްލާހަށް އަމަލުކުރުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅައިފައިވާ މައްސަލައިގެ އަޑުއެހުމެއް ވެސް އެ ދުވަހު ބާއްވަން ތާވަލުކޮށްފައި އޮއްވައެވެ.

އެ މައްސަލަ ބަލަމުން އައީ ސުޕްރީމް ކޯޓުގެ މުޅި ބެންޗުންނެވެ. އަދި ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމާއެކު، ބުދަ ދުވަހު އޮތް އަޑުއެހުން ކެންސަލްވެ، މައްސަލަ ވަނީ ހުއްޓިފައެވެ.

comment ކޮމެންޓް