ބޭރުން އައި ތަޖުރިބާކާރު ޑައިވަރުންނަށް ގެއްލިގެން ހޯދަމުން ދިޔަ ފަތުރުވެރިންގެ ހަށިގަނޑުތައް ފެނުނީ، ދުރާލާ އެމްއެންޑީއެފުން ވެފައި ހުރި ތައްޔާރީތަކުގެ ސަބަބުން ކަމަށް ބްރިގޭޑިއާ ޖެނެރަލް ކޮމާންޑް އެންޑް ކޯސްޓްގާޑް މުހައްމަދު ސަލީމް މިރޭ ވިދާޅުވެއްޖެއެވެ.
ވ. އަލިމަތާ ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ފަތުރުވެރިން ގެއްލުނީ، މިދިޔަ ބުރާސްފަތި ދުވަހެވެ. އޭގެ ތެރެއިން އެކަކުގެ ހަށިގަނޑު ހަމަ އެދުވަހު ހޯދުނުއިރު، ބާކީ ހަތަރު މީހުންގެ ހަށިގަނޑު ފެނުނީ އެ މީހުން ފީނަން ފޭބި ހޮހަޅަ ތެރެއިން މިއަދެވެ.
އެ މީހުން ހޯދުމަށް ޑައިވްކުރި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ވަނީ މަރުވެފައެވެ. އެއާއެކު، އޮޕަރޭޝަން މެދުކަނޑާލުމަށް ފަހު، އަލުން ފެށީ މިއަދެވެ.
މި އޮޕަރޭޝަނުގައި އެމްއެންޑީއެފާއި ފުލުހުންނާއި އެކުގައި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުންތަކެއް ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެއާއެކު، ގިނަ ބަޔަކު އަންނަނީ، އެމްއެންޑީއެފަށް އެ ފަތުރުވެރިންގެ ހަށިގަނޑުތައް ނުހޯދުނީ ކީއްވެތޯ ސުވާލުއުފައްދަމުންނެވެ. އެ ސުވާލަށް ޕީއެސްއެމް 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ސަލީމް ވަނީ ޖަވާބުދެއްވާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބޭރުގެ ޑައިވަރުން ފުރަތަމަ ރާވާފައި އޮތީ އޮރިއެންޓޭޝަނެއް ހަދާށެވެ. ނަމަވެސް، ފަތުރުވެރިން ގެއްލުނު ސަރަހައްދުގައި އެމްއެންޑީއެފުން އޮރިއެންޓޭޝަނާއި، ގައިޑްލައިނާއި، ހޮހޮޅައަށް ފަސޭހައިން ވަދެވޭނެ ގޮތަށް ކަންކަން ރާވާފައި ހުރި ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

ބްރިގޭޑިއާ ޖެނެރަލް ކޮމާންޑް އެންޑް ކޯސްޓްގާޑް މުހައްމަދު ސަލީމް ވާހަކަދައްކަވަނީ: ވިދާޅުވީ، ބޭރުގެ ޑައިވަރުންނަށް ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދުނީ، ކުރިން އެމްއެންޑީއެފުން ވެފައި ހުރި ތައްޔާރީތަކާއެކީގައި ކަމަށް ----
އެ ޑައިވަރުން ވ. އަތޮޅަށް މިއަދު ދިޔައީ، އެމްއެންޑީއެފުގެ ޓީމާއެކު ވަރަށް 'ޕްލޭން' ކޮށްގެންކަން ސަލީމް ވަނީ ފާހަގަކުރައްވާފައެވެ. އަދި، އަސްލު ޑައިވް ކުރުމަށް އެ ޓީމުން ރާވާފައި އޮތީ މާދަމާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އަވަހަށް އެކަން ވެގެން [ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދުނީ] މި ދިޔައީ، އަޅުގަނޑުމެނަށް މި ތަނުގައި ހަދަން ޖެހޭ މި ދެންނެވި ކަހަލަ ބައެއް ޕްރިޕަރޭޝަންތައް ހެދި އަޅުގަނޑުމެނަށް އެ ތަން ތަޖުރިބާ ކުރެވިފައި ހުރުމާ އެކީގައި އޭގެ އަލީގައިބްރިގޭޑިއާ ޖެނެރަލް ކޮމާންޑް އެންޑް ކޯސްޓްގާޑް މުހައްމަދު ސަލީމް
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި މި އޮޕަރޭޝަންގައި ދެން އިސްކޮށް ހަރަކާތްތެރި ވާނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައިސްފައިވާ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން އަމިއްލަ ދެ ކުންފުންޏެއްގެ ޑައިވަރުން ފިންލޭންޑުގެ ތަޖުރިބާކާރުންނަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އޮޕަރޭޝަން އަލުން ފެށުމަށްފަހު، މިއަދު ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވާއިރު، ހަށިގަނޑުތައް ފެނިފައި ވަނީ އަލިމަތާ ހޮހޮޅައިގެ ތެރެއިންނެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައި ވަނީ، ހަށިގަނޑުތައް މިހާރު ލޮކޭޓް ކުރެވިފައިވީ ނަމަވެސް، އެ ހަށިގަނޑުތައް ހޮހޮޅައިން ބޭރަށް ނެރުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ޑައިވްތަކުގައި އެ ހަތަރު މީހުންގެ ހަށިގަނޑު ހޮހޮޅައިން ނެގުމުގެ މަސައްކަތް ކުރުމަށް ރާވައިފައިވާކަމަށް ބުންޏެވެ.
މުޅި ދުނިޔޭގެ ސަމާލުކަން މި ހާދިސާއަށް ހުއްޓިފައިވާއިރު، މި ކަން ހިިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ހިންގަން ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.