ރައީސްގެ ހުއްދަ ނެތި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މަޖިލީހަށް ހާޒިރުނުކުރާން އަންގައިފި

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ: މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރަން ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕަށް އަންގައިފިއެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕުގައި ހިމެނޭ މެންބަރަކުވަނީ "ސަން"އަށް މިކަން ކަށަވަރުކޮށްދެއްވައިފައެވެ.

އޭނާ ވިދާޅުވީ ރައީސްގެ ހުއްދައާ ނުލައި، އެއްވެސް ވަޒީރަކު ވެސް، ނުވަތަ ސަރުކާރު ކުންފުންޏެއްގެ ވެރިއަކު ވެސް މަޖިލީހަށް ހާޒިރު ނުކުރަން އަންގައިފައިވާ ކަމަށެވެ.

މަޖިލިސް މެންބަރުންގެ ބާރުތައް ހަނިވެގެންދާ ގޮތަށް މި ފަދަ އެންގެވުމަށް ޕީއެންސީގެ ޕީޖީ ގްރޫޕަށް އަންގާފައިވާއިރު، ޕާޓީ ބަދަލު ކުރުމުން މަޖިލިސް މެންބަރުކަން ގެއްލޭގޮތަށް ވަނީ ގާނޫނަށް ވެސް ބަދަލު ގެނެސްފައެވެ.

މިދިޔަ ބުދަ ދުވަހު، ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރީ އެ ދުވަހުގެ ހެނދުނު 11:00 އަށް, ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށެވެ.

https://sun.mv/203289

އެ ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޖިނާއީ މައްސަލައެއް ބަލަމުން އަންނާތީކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ހަމަ އެ ދުވަހުގެ ހެނދުނު 10:00ގައި ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގައި ތިއްބެވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ވެރިކަން ކުރާ ޕީއެންސީން ހުށަހެޅި ބިލު ތަޅުމުން ފާސްކޮށްފައެވެ.

ޖުމްލަ 79 މެންބަރުން މަޖިލީހަށް ހާޒިރުވިއެވެ. މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުން ފާސްކުރަން ވޯޓު ދީގެންނެވެ. ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދިނެވެ.

އެ މައްސަލަ ކުރިއަށްދަނިކޮށް މި ބިލް ހުށަހެޅުމަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.

https://sun.mv/203289

ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުވަނީ، މި މައްސަލައިގައި ރައީސް މުއިއްޒު ފަނޑިޔާރުންނަށް ބިރުދައްކަވާކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ވެސް ދެއްވައިފައެވެ.

comment ކޮމެންޓް