ދިވެހީންގެ އެ އާދަ ފިލައިގެން ނުދެއެވެ. ދާނެހެން ހިޔެއްވެސް ނުވެއެވެ. އަލްމަރްޙޫމް މުޙައްމަދު ތައުފީޤު (ހާޖަރާގޭ ތައުފީޤު) ވިދާޅުވެފައިވާ ކީރިތި ރަސޫލާގެ ސިޔަރަތުގެ އަޑާ ނުލައި ރޯދަމަސް ފުރިހަމައެއް ނުވެއެވެ. ގިނަ ދިވެހީންނަށް ރޯދައިގެ އިހުސާސް އެންމެ ބޮޑަށް ކުރުވާ އަޑަކީ އަދިވެސް އެ އަޑެވެ.
ފަޟީލަތުއްޝައިޚް ހުސައިން ސަލާހުއްދީން ތަރުޖަމާކުރެއްވި ކީރިތި ރަސޫލާގެ ސިޔަރަތު އަހަރުމެންނަށް އަޑުއިވެނީ ތައުފީޤުގެ އަޑުފުޅުންނެވެ. މި ބޮޑު ގައުމީ މަސައްކަތް ފައްޓަވާފައިވަނީ މީގެ 52 އަހަރު ކުރިން 1973 ވަނަ އަހަރެވެ. އެ އަހަރު ކީރިތި ރަސޫލާގެ ސިޔަރަތު ފުރަތަމަ ރެކޯޑު ކުރެއްވީ، ތިން ބޭފުޅެކެވެ. އެއީ ތައުފީޤުގެ އިތުރުން، ތިބުރޯޒުގޭ ޢަލީ ނަޞީރާއި، ރެޑިއަމް އަޙްމަދު ވަހީދެވެ.
އޭގެފަހުން، 1974ވަނަ އަހަރުން ފެށިގެން އެންމެ އަހަރެއް ފިޔަވައި، އެހެން ހުރިހާ އަހަރުތަކެއްގައި އަޅުގަނޑުމެންނަށް ސިޔަރަތު އިވެމުންދަނީ، ތައުފީޤުގެ އަޑުފުޅުންނެވެ. ތައުފީޤު، އެކަނި ސިޔަރަތު ފުރަތަމަ ރެކޯޑު ކުރެއްވީ، 1974ވަނަ އަހަރެވެ. ދެވަނަ ރެކޯޑިން 1983ވަނަ އަހަރެވެ. އަދި، އޭގެ 11 އަހަރު ފަހުން، އެންމެފަހު ރެކޯޑިން 1994ވަނަ އަހަރެވެ. އެންމެފަހު ރެކޯޑިން ހެއްދެވީ، ތައުފީޤު، މި ދުނިޔެ ދޫކުރެއްވުމުގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރު އަވަހާރަވި ތައުފީޤު މި ދުނިޔެ ދޫކުރެއްވިތާ މިހާރު 30 އަހަރު ފުރެނީއެވެ. ނަމަވެސް އެ އަޑު އަދިވެސް ދިވެހީންގެ ތެރޭގައި ދިރިދިރި އެބައޮތެވެ. އޭގެ ސަބަބުތައް ބައިވަރެވެ. އެ އަޑުފުޅުގެ ހިތްގައިމުކަމާއި، އެ އަޑުފުޅު އަހާލަން ފަސޭހަކަމާއި، އެ އަޑުފުޅަށް އެއްވެސް ކަހަލަ ބަދަލެއް ނާންނަ ހިތްފަސޭހަ ރާގު އެއީ، އާދަޔާ ޚިލާފު ހަގީގަތެކެވެ.
"އަހަރެމެން ކުޑައިރު ރަށުގައި ސިޔަރަތު އަޑުއަހަން ޚާއްސަ މައިދާންތައް ހަދާނެ ރޯދައަށް. އޭރު އެންމެން އަތުގައި ރޭޑިއޯ ނުހުންނާނެ. އެހެންވެ ވަކި ތަނަކަށް މީހުން ޖަމާވާނީ ސިޔަރަތު އަންނަ ގަޑީގައި. އެންމެން އެކުގައި ތިބެ އަޑުއަހަނީ. އޭރުން ސުރެން ވަރަށް ތަރުހީބު އޮންނަ ކަމެއް އެއީ," މިހާރު އުމުރުން 50 ގެ އަހަރުތައް ގުނަމުން އަންނަ އަލީ އިބްރާހީމް އޭނާގެ ކުޑައިރުގެ ހަނދާންތައް އާ ކުރަމުން ބުންޏެވެ.
"މިހާރު ވެސް ރޯދަ މަހުގެ ހަމަ އެންމެ ދުވަހެއްވެސް ސިޔަރަތު އަޑު ނާހާ ނުދާނެއޭ ބުނެވިދާނެ. އެހާވެސް ކަމުދޭ ތައުފީޤު ވިދާޅުވެފައިވާ ގޮތް."
ދެމިހުންނަނިވި ޚާއްސަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން މިދިޔަ އަހަރު ތައުފީޤަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދެއްވައިފައެވެ. އެ ސިޔަރަތު ދިވެހިން އަޑު އަހާތާ 50 އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވާއިރު އަދިވެސް އޭގެ މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ. އެކަމުގެ ސަބަބެއް ކަމަށް ރައީސް އޮފީހުން ދެކެނީ ތައުފީޤު، ފަރިތަފުޅުކަމާ އެކުގައި ސިޔަރަތު ވިދާޅުވެފައިވާލެއް ފުރިހަމަކަމެވެ. ހަމަ އެއާއެކު، ސިޔަރަތުގައި ހިމެނިފައިވާ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ޢަރަބި ލަފުޒުތައް މަޚްރަޖުން ވިދާޅުވެފައިވާލެއް ފުރިހަމަކަމާއި، ލަފުޒުތައް ވިދާޅުވުމުގައި ގެންގުޅުއްވި ހަމަތައް، އެއްގޮތަކަށް ދެމެހެއްޓެވި ކަމެވެ.
ހަމައެއާއެކު، ސިޔަރަތު އަޑުއަހާ މީހުން، އެ މީހުންގެ ހިތަށް މަންޒަރު ސިފަކުރެވި، އެ އަސަރު އެކުލެވޭ ފަދަ ގޮތަކަށް، ތައުފީޤު، ސިޔަރަތު ވިދާޅުވެފައިވާކަން އެއީވެސް ސިޔަރަތު އަޑުއެހުމަށް ދެވޭ ސަމާލުކަން އިތުރުވި ކަމެކެވެ. މިއީ މިހާރަށް ވުރެން ހުރިހާ ގޮތަކުން ވެސް ވަސީލަތްތައް މަދު ޒަމާނެއްގައި ކުރައްވާފައިވާ ވަރަށް ބުރަ މަސައްކަތެކެވެ. ތައުފީޤުގެ ދަރިކަނބަލެއް ކަމަށްވާ, ރާއްޖޭގެ މަގުބޫލު ލަވަކިޔުންތެރިޔާ، ޝިފާ ތައުފީޤު އޭނާގެ ބައްޕަ ސިޔަރަތު ރިކޯޑް ކުރެއްވި ދުވަސްތަކުގެ ހަނދާންތައް އާ ކުރައްވަނީ ވަރަށް އުފަލާއެކުއެވެ.
އެ ހަނދާންތައް "ސަން"އާ ހިއްސާކުރައްވަމުން އޭނާ ކުރިން ކިޔައި ދެއްވި ގޮތުގައި ސިޔަރަތު ރެކޯޑް ކުރެއްވުމަށް ބައްޕަ އޮފީސް ނިންމަވާ ގޮތަށް ރޯދަޔަށް ވެސް ހުންނަވައިގެން ހެންވޭރުކޮޅުން ހިންގަވާފައި، ވަޑައިގަންނަވަނީ މާފަންނުގައި ހުންނަ އަޑުގެ އިމާރާތަށެވެ. އެއީ ރޯދަ މަހެއްގެ ކޮންމެ ދުވަހުގެ އާދައެއް ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިންމާފައި ބައެއް ދުވަސް ދުވަހު ރޯދަ ވީއްލަން ބައްޕައަށް ގެއަށް އާދެވެނީ ކިރިޔަ ކިރިޔާ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.
"އެއް އަހަރެއްގެ ރޯދަ މަހު، ރޯދައަށް ހުންނަވައިގެންވެސް ރިކޯޑުކުރެއްވި [ސިޔަރަތު]. އޭރު ވިދާޅުވާނެ ވަރަށް ވަރުބަލިވެއްޖެއޭ ވެސް. ރޯދައަށް ހުރެ، އޮފީހުގައި އުޅުއްވާފައި އަވީގައި ހިންގަވާފައި އަޑަށް ގޮސް ސިޔަރަތު އެޅުމުގައި [ރެކޯޑްކުރައްވަން] އުޅުއްވި. ވަރަށް ބުރަ މަސައްކަތެއް އެއީ،" ބައްޕަގެ ސިޔަރަތު ރެކޯޑް ކުރެއްވުމުގެ ބުރަ މަސައްކަތުގެ ހަނދާން އާ ކުރައްވަމުން ޝިފާ ވިދާޅުވިއެވެ.
ތައުފީޤުގެ ޚާއްސަ އަނެއް ފަންނަކީ މަދަހަ އާއި ލަވަ ވިދާޅުވުމެވެ. ތައުފީޤު ވިދާޅުވެފައިވާ އެންމެ މަޝްހޫރު އެއް މަދަހަޔަކީ، "އޭ ޞާޙިބާ، އޭ ޞާޙިބާ"އެވެ. އެންމެ ރީތިކޮށް ވިދާޅުވި އެއް ލަވަޔަކީ، ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވި "މެރޭ ލޯ ދެކޭ ހޫނާ" މި ލަވައެވެ.
އާޓިސްޓެއްގެ އިތުރުން ބޮޑު ޚިދުމަތްތެރިއެއް
ތައުފީޤު ދިވެހީންގެ ތެރޭގައި މަޝްހޫރު ވެގެން ގޮސްފައި ވަނީ ސިޔަރަތު ވިދާޅުވުމާއި މަދަހައާއި ލަވަ ވިދާޅުވުމުގެ ދާއިރާއިންނެވެ. ނަމަވެސް އެއީ އޭނާގެ ޚިދުމަތުގެ ވަރަށް ކުޑަ ބައެކެވެ. ތައުފީޤަކީ ދިވެހި ގައުމަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ސްކޫލުތައް ހިންގެވުމާއި ކިޔަވައި ދެއްވުމުގެ އިތުރުން ނޫސް ނެރުއްވުން ވެސް ހިމެނެއެވެ.

ހާޖަރާގޭ މުހައްމަދު ތައުފީގާއި ހާޖަރާގޭ ސިއްތި (މ)، އެ ދެމަފިރިންގެ ބައެއް ކުދީންނާއެކު -- ފޮޓޯ/ ފުއާދު ތައުފީގު
ހަމައެހެންމެ ދިވެހި ދައުލަތަށް ވެސް ތައުފީޤު ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އެގޮތުން ދައުލަތަށް 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާއިރު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ، ބަންޑާރަ ނައިބުގެ އޮފީހުގައި، ދައުލަތުގެ ވަކީލެއްގެ ހައިސިއްޔަތުން، ދައުލަތުން ދަޢުވާ ކުރައްވާ މައްސަލަތަކުގައި ކޯޓުތަކަށް ވަޑައިގެން، ވަކާލާތު ކުރެއްވުމުގައެވެ. އެއީ، އެޓާނީ ޖެނެރަލްގެ އޮފީހުގެ އެހީތެރިޔާ ކަމުގެ މަގާމުގައްޔާއި، ސީނިއާ އެހީތެރިޔާ ކަމުގެ މަގާމުގައްޔާއި، ސްޓޭޓް އެޓާނީގެ މަގާމުގައްޔާއި، އަދި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމުގައި ހުންނަވައިގެންނެވެ.
މީގެ އިތުރުން، ފެލިދުއަތޮޅު އަތޮޅުވެރިކަމާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުވެރިކަމާއި، މާޅޮސްމަޑުލު އުތުރުބުރީގެ އަތޮޅުވެރިކަމާއި، އަރިއަތޮޅުގެ އަތޮޅުވެރިކަމާއި، ހުވަދުއަތޮޅު އުތުރުބުރީގެ އަތޮޅުވެރިކަން ވެސް ތައުފީޤު ކުރެއްވިއެވެ. އަދި މާލޭގައި އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދުވެސް ކުރެއްވިއެވެ.
ތައުފީޤު އެންމެ ބޭނުންފުޅުވި އެއް ކަމަކީ އޭނާގެ ދަރިންނަކީ ވެސް ގައުމަށް ޚިދުމަތްތެރި ބަޔަކަށް ވުމެވެ. އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރު ރާއްޖޭން ތައިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤާއި އެއާއިލާގެ އެހެން ގިނަ ބޭފުޅުންނަކީ ވެސް ވަރަށް ޚިދުމަތްތެރި ބޭބޭފުޅުންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މިއުޒިކީ ދާއިރާގެ ބޭފުޅުންނެވެ.
ހަމަ ގައިމުވެސް މިއީ ދިވެހި ރާއްޖެއިން ނުކެނޑޭނެ އަޑެކެވެ. ދިވެހީންނަށް ރޯދަ ފުރިހަމަ ވަނީ އެ އަޑާއެކުއެވެ. އަވަހާރަވިތާ 30 އަހަރު ފުރިގެންދާއިރު ވެސް އެ އަޑު ދިރިދިރި އޮތް ސަބަބަކީ މިއީއެވެ. ތައުފީޤުގެ އެ ހިދުމަތް އެހާ ވެސް ފުރިހަމަވީމައެވެ.