ރާއްޖޭގައި އުޅޭ ޖަނަވާރުންނަށް އަޅައިލާ ފަދައިން އިންސާނުންނަށް ވެސް އަޅައިލަންޖެހޭނެ ކަމަށާއި އެހެންނަމަވެސް އިންސާނުންނާ ދޭތެރޭ އިހުމާލުވަމުން ދާއިރު ވެސް އެކަމަށް މާބޮޑު އަހައްމިއްޔަތުކަމެއް ނުދޭތީ ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އައްބާސް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި އޮތީ ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގެ ބަހުސެވެ.
ބިލަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ ޖަނަވާރުންނަށް ރަނގަޅު ސިއްހީ ފަރުވާއާއި، ރަނގަޅު ކާނާ ދީ، ޖަނަވާރުން ގެންގުޅޭނެ ތަންތަން ގާއިމުކުރަން ވެސް ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ދަތި ހާލުގައި ކަމަށް އައްބާސް ވިދާޅުވިއެވެ.
"ޅޮހީ ރައްޔިތުން ނަޖިސް ފެނުން ފެންވަރަމުން ދަނީ. [މިއީ] ކޮންފަދަ ބޮޑު އަނިޔާއެއްތޯ އިއްޒަތްތެރި ރައީސް. ކުރީގައި ފެނާއި ނަރުދަމާ އަޅައި 85 ޕަސެންޓު މަސައްކަތް ނިމިފައި. އެ މަސައްކަތް ނިމި އެހެން އޮންނަތާ ހަ އަހަރުވެގެން ދާއިރުވެސް ޅޮހީ ރައްޔިތުންނަށް މިއަދު ވަމުންދާ އިހުމާލުގައި ކާކުތޯ ޖޫރިމަނާ ވަނީ؟" ކަންބޮޑުވުން ފާޅުކުރައްވައި އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ޖަނަވާރުންނަށް އިހުމާލުވުމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ އެބަ ކުރާ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ވާ އިހުމާލުގައި އެއްވެސް ފަރާތެއް ޖޫރިމަނާ ނުވަނީ ކީއްވެގެންތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ. އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި އިންސާނުންނާ ދޭތެރޭ އިހުމާލުވުމުން ވެސް ޖޫރިމަނާކުރެވެން ވާނެއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖަނަވާރުން ވެސް ރައްކާތެރިކުރެވެން ވާނެ. ޖަނަވާރުން ރައްކާތެރިކުރެވޭ ފަދައިން އިންސާނުން ވެސް ރައްކާތެރިކުރެވެން ވާނެ. ޖަނަވާރުންނާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރެވުނީމާ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކަނޑައެޅިފައި އޮންނަ ގޮތަށް، އިންސާނުންނާ ދޭތެރޭ ވެސް ގޯސްކޮށް ކަންތައް ކުރެވުނީމާ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވެންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އައްބާސް ވިދާޅުވިއެވެ.
މިއީ ވިސްނާލަން ޖެހޭ ކަންތައްތައްކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވީ އަދިވެސް މުހިންމު ބައެއް ބިލުތައް މަޖިލީހަށް ނާންނަ ކަމަށެވެ. އަދި އެ ބިލުތައް މަޖިލީހަށް ނައުމުގެ ސަބަބުން މަޖިލިސް މެންބަރުން ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން ނުކުރެވޭ ކަމަށް އައްބާސް ވިދާޅުވިއެވެ.
މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު -- ފޮޓޯ/ މަޖިލިސް
އައްބާސްގެ ވާހަކައާ ގުޅުވައި، މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ އިންސާނުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ގާނޫނުއަސާސީން ލިބިދޭންޖެހޭ ހައްގުތައް ނުދެވި އޮވެ، އެއަށްވުރެ ބޮޑު ޚަރަދެއް ދައުލަތަށް ވާނެ ގޮތަކަށް އެފަދަ ގާނޫނެއް ފަރުމާކުރާއިރު ވިސްނާލަންޖެހޭ ކަމަށެވެ.
"ދެންމެ ވެލިދޫ ދާއިރާގެ މެންބަރު އައްބާސް އެ ފާހަގަކޮށްލި ފަދައިން މިފަދަ ގާނޫނެއް އަންނައިރު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންސާނުންގެ ހިމާޔަތާއި ރައްކާތެރިކަން އިސްވާންވާނެ،" އައްބާސްގެ ވާހަކައަށް ބާރުދެއްވައި ރިފާއު ވިދާޅުވިއެވެ.
އެހެންކަމުން އެ ގާނޫނާ ބެހޭ ގޮތުން އިތުރަށް ދިރާސާކޮށް، ކޮމިޓީގައި މަސައްކަތް ކުރުމަށް ޓަކައި ފަންނީ މާހިރުންގެ ލަފާ ހޯދުމަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ރިފާއު ވިދާޅުވީ އެއީ ވަރަށް "ޓެކްނިކަލް" ގާނޫނެއް ކަމަށެވެ. ސަބަބަކީ ރާއްޖޭގެ މާހައުލާ ނުގުޅޭ ޖަނަވާރު ވެސް ރާއްޖެއަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެފަދަ ހާލަތެއްގައި ކަންކަން ވެދާނެ ގޮތާއި އޭގެ ސަބަބުން ރާއްޖޭގައި މިހާރު ދިރިއުޅޭ ޖަނަވާރުތަކަަށް ވެދާނެ ގެއްލުންތަކާ މެދު ވިސްނާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި، ގާނޫނާ ޚިލާފުވެއްޖެ ހާލަތުގައި ހަރުކަށި ފިޔަވަޅުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް ވަނީ ހިމަނާފައެވެ.
ފިޔަވަޅުތަކުގެ ތެރޭގައި ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ. އަދި، ގަވައިދާ ޚިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓުކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރެވޭނެއެވެ. އަދި، ގާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
މީގެ އިތުރުން، ޖަނަވާރަށް އަނިޔާއެއް ދިނުމާއި އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަކުން ޖޫރިމަނާކުރެވޭނެއެވެ. މި ގާނޫނުގައި އަދަބު ކަނޑައެޅިފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މި ބިލުގައި، އެނިމަލް ވެލްފެއާ މިނިސްޓްރީއަށް ބާރުތައް ވަނީ ދީފައެވެ. އެ ގާނޫނުގެ ދަށުން ސިޔާސަތު ކަނޑައަޅައި، ގާނޫނު ތަންފީޒުކުރާ މައި އިދާރާއަކީ މިނިސްޓްރީ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން، މީގެކުރިން ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ނުރައްކާތެރި ޖަނަވާރު އެތެރެކުރެވޭނީ ޑިފެންސް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ. ނަމަވެސް، އެ މާއްދާ އުވާލުމަށް ފަހު މިހާރު ހުއްދަ ނަގަން ޖެހޭނީ އެނިމަލް މިނިސްޓްރީން ކަމަށް މި ބިލުގައިވަނީ ހިމަނާފައެވެ.