ކޮމިޓީތަކުން މެންބަރުން ބަދަލުކުރުމަކީ ހިނގާކަމެއް، އެވަގުތަކަށް ބޭނުންވާ ބަދަލުތައް އަންނާނެ: ފަލާހު

ފަލާހު: ވިދާޅުވީ ކޮމިޓީތަކުގެ މެންބަރު ބަދަލުކުރުމަކީ ހިނގާކަމެއް، އެވަގުތަކަށް ބޭނުންވާ ބަދަލުތައް ކޮމިޓީތަކަށް އަންނާނެ ކަމަށް ---- ސަން ފޮޓޯ/ މޫސާ ނަދީމް

މަޖިލީހުގެ ކޮމިޓީތަކުގެ މެންބަރުން ބަދަލުކުރުމަކީ އާންމުކޮށް ހިނގާ ކަމެއް ކަމަށާއި އެވަގުތަކަށް ބޭނުންވާ ބަދަލުތައް ކޮމިޓީތަކަށް އަަންނަމުންދާނެ ކަަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ކޮމެޓީތައް ކަމަށްވާ, މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވަކިކުރައްވައި، އެހެން މެންބަރުން ކޮމިޓީތަކަށް ހަމަޖައްސަވައިފައެވެ. އެގޮތުން:

  • އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހަމަޖެއްސުން
  • އަޒާންގެ ބަދަލުގައި 241 ކޮމިޓީއަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހަމަޖެއްސުން
  • އަޒާން ބަދަލުކުރީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއާއި ޕެޓިޝަން ކޮމިޓީއަށް

https://www.sun.mv/203259

ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކުން މެންބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލުކުރުމަކީ ޕީޖީ ގުރޫޕުތަކުގައި އަބަދުވެސް ހިނގާ ކަމެއް ކަމަށެވެ.

މިގޮތުން، ޕީޖީ ގުރޫޕާއި ކޮމިޓީތަކުގެ އަދަދާއި މެންބަރުން ކޮމިޓީގެ ހާޒީރިއަށް ދެއްވާ އަހަންމިއްތުކަމާއި ކޮމިޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމަށް ބިނާކޮށް، އެކި ކޮމިޓީތަކުގެ މެންބަރުންނަށް ކުރީގެ މަޖިލީސް ދައުރުތަކުގައި ވެސް ބަދަލުގެނެސްފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ޕީޖީ ގުރޫޕުގެ އަދަދާއި ކޮމެޓީތަކުގެ އަދަދާއި، މެންބަރުން ކޮމެޓީގެ ހާޒިރީއަށް ދެއްވާ އަހައްމިއްޔަތުކަމާއި، ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މަައްޗަށް ބިނާކޮށް އެކި ކޮމެޓީތަކަށް އެކި މެންބަރުން އެކި އިރު ބަދަލު ގެނައުމަކީ 17، 18، އަދި 19 ވަނަ މަޖިލީހުގައި ވެސް އާންމުކޮށް ހިނގާފައި ހުންނަ ކަންކަން ކަމުގައި ދަންނަވާލަމެވެ. އެހެންކަމުން، 20ވަނަ މަޖިލީހުގައި ވެސް މިފަދަ ބަދަލުތައް ގެނެވިފައިވެއެވެ.ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު

ފަލާހު ވިދާޅުވީ، މުސްތަގުބަލުގައި ވެސް ކޮމިޓީތަކަށް އެވަގުތަކަށް ބޭނުންވާ ބަދަލުތައް އަންނަމުން ދާނެ ކަަމަށެވެ.

ދެ ކޮމިޓީއަކުން ބަދަލުކުރަން ނިންމި ނިންމުމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން މެންބަރު އަޒާން ވިދާޅުވީ، އޭނާއަށް ބޮޑަށް ލަފާކުރެވެނީ ބައެއް ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ ކޮރަޕްޝަންގެ މައްސަލަތައް މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން އުޅޭތީ ކޮމިޓީން އޭނާ ބޭރުކުރީ ކަމަށެވެ.

https://sun.mv/203267

އޭނާ ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން ސަރުކާރު ހުރިހާ ކުންފުންޏެއްގެ ޕްރޮކިއުމަންޓް ދިރާސާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެ ގޮތުން، އެންމެ ފަހުން ދިރާސާކުރަން ފެށީ ވެމްކޯ ކަމަށާއި އެ ކުންފުނިން ވެސް މިދިޔަ އަހަރު ތަކެތި ކުއްޔަށް ނަގަން އެކަނި 65 މިލިއަން ރުފިޔާ ޚަރަދުކުރިކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީން ވަނީ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. އެކަމަކު، އެ އިސްލާހު ގާނޫނުއަސާސީއާ ފުށުއަރާތޯ ސުޕްރީމް ކޯޓުން ބަލަމުން އަންނަނިކޮށް ޕީއެންސީން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ބިލެއް ހުށަހަޅާފައެވެ.

އެ ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އަޒާން ވަނީ އެ ބިލަށް ވޯޓުދޭން ދެކޮޅު ހަދައިފައެވެ. އެހެންވެ، އޭނާއަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ކުރިން އޮތީ ބުނެފައެވެ.

ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ވަނީ ބޭރުކޮށްފައެވެ. އޭނާ ޕާޓީން ވަކިކުރާނެކަމުގެ ބިރު އޮތްއިރު، ބައެއް އިދިކޮޅު ފަރާތްތަކުން އަންނަނީ ގޮނޑި ގެއްލުވާލައިފި ނަމަ އަޒާނަށް ކެމްޕޭން ކޮށްދޭނެ ކަމަށް ބުނަމުންނެވެ.

އެ ބިލު ފާސްކުރިތާ ކުޑައިރުކޮޅެއް ފަހުން، ސުޕްރީމް ކޯޓުގައި ގޮނޑިގެއްލޭ އިސްލާހާ ގުޅޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ތާވަލުކޮށްފައި އޮއްވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. ސަސްޕެންޑުކުރީ:

  • ފަނޑިޔާރު ހުސްނުއްސުއޫދު
  • ފަނޑިޔާރު މަހާޒް އަލީ ޒާހިރު
  • ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު

އެހެންވެ، ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދެވެއެވެ.

comment ކޮމެންޓް