ދުނިޔޭގައި ކުޅޭ އެންމެ ދުވަސްވީ ފުޓުބޯޅަ މުބާރާތުގެ ގޮތުގައި ބެލެވިފައިވާ އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގެ ގުރުއަތުލުން ބާއްވައިފިއެވެ.
މި ގުރުއަތުލުމުގައި އެންމެ ފަހުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރި މެންޗެސްޓާ ސިޓީ ބައްދަލުކުރުމަށް ދިމާވެފައިވަނީ ބޯންމޯތާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބޯންމޯތުގެ ދަނޑުގައެވެ. މިހާރު މި މުބާރާތުގައި ބާކީ އޮތް ޗެމްޕިއަންޝިޕަށް ނިސްބަތްވާ ޕްރެސްޓަން ގުރުއަތުން ދިމާވެފައިވަނީ އެސްޓަން ވިލާއާއެވެ.
އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ޕެނަލްޓީ ޖަހައިގެން ބަލިކުރި ލަންޑަންއަށް ނިސްބަތްވާ ފުލަމް ކުއާޓާ ފައިނަލްގައި ބައްދަލުކުރުމަށް ދިމާވެފައިވަނީ ލަންޑަނަށް ނިސްބަތްވާ ކްރިސްޓަލް ޕެލަސް އާއެވެ. އަދި ނިއުކާސްލް ޔުނައިޓެޑް ދެ ލަނޑު އެއް ލަނޑުން ބަލިކުރި ބްރައިޓަން އެންޑް ހޯވް އެލްބިއަން ކުއާޓާ ފައިނަލްގައި ބައްދަލުކުރާނީ ފަސްވަނަ ބުރުގައި ނޮޓިންހަމް ފޮރެސްޓާއި އިޕްސްވިޗް ޓައުން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މިހާރު މި މުބާރާތުގައި ބާކީ ތިބި ޓީމުތަކަށް ބަލާއިރު 2023ވަނަ އަހަރުގެ ޗެމްޕިއަން، ސިޓީ ފިޔަވައި މި މުބާރާތް ދެން އެންމެ ފަހުން ކާމިޔާބުކުރި ޓީމަކަށް އޮތީ 1978 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި އިޕްސްވިޗެވެ.
ނަމަވެސް ފޮރެސްޓާ ބައްދަލުކުރާ މެޗުން ބަލިވެއްޖެނަމަ އިޕްސްވިޗް ވެސް އިތުރަށް މި މުބާރާތަކު ނޯންނާނެއެވެ. އަދި ފުލަމް، ޕެލަސް، ބޯންމޯތާއި ބްރައިޓަންއަށް ބަލައިލާއިރު މިއިން އެއްވެސް ޓީމަކަށް މީގެކުރިން އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެފްއޭ ކަޕަކީ އަބަދުވެސް ކުދި ޓީމުތަކަށް ބޮޑެތި ނަން މަޝްހޫރު ޓީމުތަކާއި ކުޅުންތެރިންނާ ދެކޮޅަށް ކުޅެ ހައިރާން ކުރުވަނިވި ނަތީޖާ ފެނިގެންދިއުމުގައި މަޝްހޫރުކަން ހޯދާފައިވާ މުބާރާތެކެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29ވާ ހޮނިހިރު ދުވަހެވެ.