މިދިޔަ އަހަރު މެއި މަހުގެ ހަތް ވަނަ ދުވަހަކީ އާމާލް ސޮބެއިހްގެ އަންހެން ދަރިފުޅު އުފަންވި ދުވަހެވެ. އަދި އެއީ އޭނާގެ ފިރިމީހާ މަރުވެސް ވީ ދުވަހެވެ.
އެ ދުވަހުގެ ހެނދުނު ހައެއް ޖެހިއިރު، ޣައްޒާގެ ނޫސްވެރިޔާ ޔަހްޔާ ސޮބެއިހް އޭނާ އަންހެނުން، އާމާލް ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ވިހަން ބަނޑުގައި ރިއްސާތީއެވެ.
އޭރުވެސް އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ކުރިއަށް ދިޔައެވެ.
ނަމަވެސް އެ ދެމަފިރިންގެ ތިންވަނަ ދަރިފުޅު ލިބެން އުޅޭތީ ދެ މީހުންވެސް ތިބީ އުފަލުންނެވެ.
ދަރިފުޅު ވިހެއުމުން އާމާލް ކައިރީ އަރާމު ކުރުމަށް ބުނުމަށްފަހު ،ޔަހްޔާ ދިޔައީ ގޭގައި ތިބި ދެކުދިންގެ ހާލު ބަލައި ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނު ހޯދާށެވެ.
"އޭނާ ބުނީ އަރާމުކޮށްލުމަށް. ގޭގައި ތިބި އަހަރެމެންގެ ދެ ފިރިހެން ކުދިންގެ ހާލު ބަލާލާފައި ދަރިފުޅަށް ބައެއް ސާމާނު ގެނެސްދޭނަމޭ. ހިތާމައަކީ އަހަރެންނަކަށް ނޭނގުނު އެއީ އަހަރެމެންނަށް ޔަހްޔާ ފެންނާނެ އެންމެ ފަހު ފަހަރުކަން." އާމާލް ކިޔައިދިނެވެ.
ޔަހްޔާ މަރާލީ ޣައްޒާ ސިޓީގެ މެދުތެރޭގެ ވިޔަފާރި ސަރަހައްދަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައެވެ. އެ ހަމަލާގައި 17 މީހުން މަރުވެ، އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.
ހޮސްޕިޓަލްގައި އޮތް އާމާލަށް ޔަހްޔާ މަރުވިކަން އަންގާނެ ގޮތެއް ގާތްތިމާގެ މީހުންނަކަށް ނޭގުނެވެ. ނަމަވެސް ކޮންމެވެސް ކަމެއް ވެއްޖެކަން އާމާލަށް އެނގުނެވެ.

ޔަހްޔާގެ އަންހެނުން އާމާލް ސޮބެއިހް އެމީހުންގެ ތިން ކުދިންނާއެކު. ފޮޓޯ/އަލް ޖަޒީރާ
"އެތަނުގައި މެދުނުކެނޑި ފޯނު ކޯލްތަކާއި، ހާސްވެފައިވާ މޫނުތައް ފެނުނު. އެމީހުންގެ ކައިރިއަށް ދާ ކޮންމެ ފަހަރަކު ކުއްލިއަކަށް ވާހަކަތައް ހުއްޓާލާ." އަމާލް ބުންޏެވެ.
"އަހަރެން މަންމަ ގާތު ސުވާލު ކުރަމުން ދިޔައީ 'ކަމެއް ގޯސްވީތޯ؟. އެކަމަކު އެއްވެސް މީހަކު އަހަންނަށް ސާފުކޮށް ޖަވާބެއް ނުދިން. އެންމެން ވާހަކަ ދެއްކީ އާދަޔާ ހިލާފު ގޮތަކަށް. ފޯނު ނަގައިގެން ވަގުތުން ޔަހްޔާއަށް ގުޅިން. އަހަރެން 15 ފަހަރަށް ވުރެ ގިނަ ފަހަރު ގުޅިން. އަބަދުވެސް އަހަންނަށް ޖަވާބު ދޭ މީހަކު ފޯނު ނުނެގުމުން ކަމެއް ގޯސްވިކަން އެނގުނު."
އާމާލްއަށް ވެގެން އުޅޭ ގޮތް އެނގުނީ އިންޓަނެޓް ލިބުމުންނެވެ.
ޔަހްޔާ މަރުވި ކަމަށް ލިޔެފައިއޮތް ސުރުހީ ފެނުމާއެކު ނާރުތަކުގައި ލޭ ގަނޑުވިހެން ހީވިކަމަށާއި ގަބޫލު ނުކުރެވިގެން ކޮންޓްރޯލެއް ނެތި ހަޅޭއްލަވައި ގަނެވުނު ކަމަށް އާމާލް ބުންޏެވެ.
ޔަހްޔާއަށް ހަމަލާދީފައި ވަނީ އޭނާގެ އަންހެން ދަރިފުޅު އުފަންވުމުން އުފާފާޅުކުރުމުގެ ގޮތުން ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ފޮނި އެއްޗެހި ބަހަމުން ދަނިކޮށެވެ. އޭނާއާއެކު މަރާލި މީހުންގެ ތެރޭގައި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި ކޮއްކޮ ވެސް ހިމެނެއެވެ.
އަމާލް ބުނި ގޮތުގައި އެ ޝޮކް ލިބުނީ ހަމައެކަނި އޭނާ ގެއްލުމުން ނޫން ކަމަށާއި، އަލްވަދާއު ކިޔަންވެސް ވަގުތުކޮޅެއް ނުލިބުމުންނެވެ.
ހިތާމައިގައި އެއް އަހަރު
އަމާލްއަށް މީގެ ކުރިންވެސް ހަނގުރާމައިގައި އޭނާގެ ބޭބެއާއި ބޭބެގެ އަންހެނުންނާއި އެމީހުންގެ ތިން ދަރިންގެ އިތުރުން ކޮއްކޮއާއި އޭނާގެ ހަތަރު ދަރިން ގެއްލިފައިވާއިރު، އެ އެންމެންވެސް ވަނީ އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފައެވެ.
ނަމަވެސް ޔަހްޔާ މަރުވި ފަހުން ފާއިތުވި 12 މަސް ދުވަހު ކުދިން ގޮވައިގެން އެކަނި ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އާމާލް ބުންޏެވެ.
ޔަހްޔާ މަރުވިތާ މަދު މަސްކޮޅެއް ފަހުން، އިސްރާއީލުގެ އަސްކަރިއްޔާއިން މިދިޔަ ސެޕްޓެމްބަރު މަހު ޣައްޒާ ސިޓީގައި އެއްގަމު މަގުން އޮޕަރޭޝަނެއް ހިންގާނެކަން އިއުލާން ކުރުމުން އަމާލް ވަނީ އޭނާގެ ތިން ދަރިންނާ އެކު ޣައްޒާގެ ދެކުނަށް ބަދަލުވެފައެވެ.
ކުޑަ ތިން ކުދިން ގޮވައިގެން ޓެންޓެއްގައި ދަތި ހާލުގައި އުޅުން އުނދަގޫ ކަަމަށް އާމާލު ބުނެފައިވެއެވެ.

އާމާލް މިހާރު ދިރިއުޅެނީ ތިން ކުދިންނާއެކު ޣައްޒާގެ ދެކުނުގައި. ފޮޓޯ/އަލް ޖަޒީރާ
"ޔަހްޔާ އަކީ އަޖައިބު ކުރުވަނިވި ފިރިއެއް އަދި ބައްޕައެއް. ހަނގުރާމައިގެ ދުވަސްވަރު ވެސް އަހަރެމެންނަށް ދުވަހަކުވެސް އެއްވެސް އެއްޗަކަށް ދައްޗެއް ނުވޭ. ކާއެއްޗެހި ހޯދައިދީ ކުދިންނަށް ބޭނުންވާ ކަންކަމަށް ޚަރަދު ކުރި. ކުއްލިއަކަށް އޭނާ ގެއްލުމަކީ ތަސައްވަރު ނުކުރެވޭހާ ވޭންދެނިވި ކަމެއްް." އާމާލް ބުންޏެވެ.
ހިތާމަތަކާއެކުވެސް ފިރިމީހާގެ ކުރި މަސައްކަތް އާމާލް ވަނީ ކުރަން ފަށާފައެވެ. އާމާލް މިހާރު އަންނަނީ ޔަހްޔާ މަސައްކަތްކުރި މީޑިއާ ކުންފުނީގައި މަސައްކަތް ކުރަމުންނެވެ.
އިސްރާއީލުން ދެ އަހަރު ވަންދެން ޣައްޒާއަށް ދެމުން ގެންދިޔަ ހަމަލާތަކުގައި ނޫސްވެރިން ހިމެނޭހެން ފަލަސްތީނުގެ 70،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.