މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމާއެކު ގަދަވަޔާއި ރާޅުގެ އަސަރުކުރާނެ ކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު ސަމާލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށް މިއަދު މެންދުރު 12:45 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެއެވެ.
މި ވަގުތުގެ ތެރޭގައި އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން ނެރުނު ސަމާލެކެވެ.
މި ސަމާލުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެކެވެ. ވައިގަދަވުމުގެ ސަބަބުން ކަނޑުތައް އާދަޔާޚިލާފަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. ގަޑިއަކު 40 މޭލަށް ވައިގަދަވުމަކީ ގަސްގަހާގެހި ވެއްޓުމާއި، ބައެއް އިމާރާތްތަކުގެ ފުރާޅު އެއްލައިލުން ފަދަ ހާދިސާތައް ހިނގުމަށް މެދުވެރިވެދާނެ ކަމެއް ކަމަށްވާތީ، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ.
މޫސުން ގޯސްވުމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އާންމު ރައްޔިތުން ސަމާލުވުމަށް ޚާއްޞަ އިލްތިމާސްތަކެއް ކޮށްފައެވެ. އެގޮތުން، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި ދުރާލާ ފިޔަވަޅު އެޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. ގޭގެއަށް ފެން ނުވަންނާނެހެން ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެހުމަށާއި، ފެންބޮޑުވެއްޖެނަމަ ގެއްލުންވެދާނެ ފަދަ މުދަލާއި ހިފާގެންގުޅޭ ތަކެތި ރައްކާތެރި އަދި އުސް ތަންތަނަށް ބަދަލުކުރުމަށް އެންޑީއެމްއޭއިން ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ބޭނުންނުކުރާ ކަރަންޓު އާލާތްތައް ނިއްވާލުމަށާއި، ކަރަންޓު ޝޯޓެއް ވެދާނެ ފަދަ ތަންތަން ރައްކާތެރިކުރުމަށް ވެސް ވަނީ އަންގާފައެވެ. ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލައިގެން ހިނގައިދާނެތީ، ފުރާޅުތައް ރަނގަޅަށް ހަރުކުރުމަށާއި، ގޯތިތެރޭގައި ހުންނަ ގަސްގަހާގެހި ކޮށައި ސާފުކުރުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާދީފައެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހާއި އެންޑީއެމްއޭއިން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ. ޚާއްޞަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ރީނދޫ ސަމާލުގެ ވަގުތުގައި ދަތުރުނުކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގައި ވެސް ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ.
ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށާއި، އުޅަނދުގައި މުވާސަލާތީ ވަސީލަތްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރުމަކީ މުހިންމު ކަމެއް ކަމުގައި ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި ދަތުރުކުރާ ފަރާތްތަކުން ލައިފް ޖެކެޓު ބޭނުންކުރުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
ފެންބޮޑުވުމުގެ ހާދިސާތަކަށް އިޖާބަދިނުމަށްޓަކައި އެންޑީއެމްއޭއިން ވަނީ ރަށްރަށުގެ ކައުންސިލްތަކާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ގުޅިގެން ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފަހަކަށް އައިސް ރާއްޖޭގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. މިގޮތުން، ފާއިތުވި އަހަރުތަކުގައި ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކެވެ.
މިކަމާ ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީގައި ހޯދާފައިވާ ޕަމްޕުތައް ދާދި ފަހުން 10 ކައުންސިލަކާ ހަވާލުކޮށް، ފެންބޮޑުވާ ރަށްރަށުން ފެން ހިންދުމުގެ މަސައްކަތް އަވަސްކުރުމަށް ވަނީ އިންތިޒާމުތައް ހަމަޖައްސާފައެވެ. މާލެ ސަރަޙައްދުގައި ވެސް ފެންބޮޑުވުމުގެ މައްސަލަ ދިމާވެދާނެތީ، ކަމާބެހޭ އިދާރާތަކުން ދަނީ މަގުތަކުގެ ޑްރެއިނޭޖް ނިޒާމުތައް ސާފުކޮށް، ފެން ހިންދުމަށް ތައްޔާރީ ހާލަތުގައި ތިބިކަން ކަށަވަރުކުރަމުންނެވެ.