1446ވަނަ އަހަރުގެ ރަމަޟާންމަހަށް ހުރިހާ ކިޔުންތެރިންނަށް މަރުޙަބާ ކިޔަމެވެ. އަދި މި ބަރަކާތްތެރި މައްސަރުގެ ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް ފޮނުވަމެވެ. ރަމަޟާންމަހުގެ ދުވަސްތައް މިއަދު މި ފެށުނީއެވެ. މިއީ ބަރަކާތްތެރިކަމާއި ކަރާމަތްތެރިކަމުން ފުރިގެންވާ މޫސުމެއްގެ ވެސް ފެށުމެވެ. ރަމަޟާންމަހަށް ފަހު ޝައްވާލުމަހެވެ. އެ މަސް ހުސްވުމުން ދެން ފެށޭނީ ޙުރުމަތްތެރި ވެގެންވާ ދެ މައްސަރެވެ. ޛުލްޤަޢްދާމަހާއި ޛުލްޙިއްޖާމަހެވެ. ހުއްޓުމެއް ނެތި ގުޅިގެން އަންނަ އަޅުކަމުގެ މޫސުމެކެވެ. ތަޤުވާވެރިންނަށް އުފާވެރިކަން ހުއްޓެވެ!
މި މަސް ފެށުމާ އެކީ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އިތުރު އެކަލޭގެފާނުގެ ޞަޙާބީންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ކަމުގައި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައި އޮވެއެވެ. عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ((أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ، فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ، وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ، وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ)) رواه أحمد (9213)، والنسائي (2106) وصححه الألباني في "صحيح النسائي" (1992). މާނައީ: "ބަރަކާތްތެރިވެގެންވާ ރަމަޟާންމަސް ތިޔަބައިމީހުންނާ ބައްދަލުކޮށްފިއެވެ. ޢިއްޒަތްވަންތަ ޖަލާލުވަންތަ ﷲ ވަނީ ތިޔަބައިމީހުންގެ މައްޗަށް އެ މަހުގެ ރޯދަ ފަރުޟުކުރައްވައިފައެވެ. އެ މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުންނާނީ ހުޅުވިފައެވެ. އަދި ނަރަކައިގެ ދޮރުތައް ހުންނާނީ ބަންދުކުރެވިފައެވެ. އަދި ޝައިޠާނުންގެ ބޮޑެތި މާރިދުން އެ މަހުގައި ތިބޭނީ ކަސްތަޅު އެޅުވިފައެވެ. މާތް ﷲގެ ޙަޟުރަތުގައި އެއް ހާސް މައްސަރަށްވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއް އެ މައްސަރުގައި ވެއެވެ. އެ ރޭގެ ހެޔޮ ކަމުން މަޙުރޫމުވެއްޖެ މީހާ ހުރިހާ ހެޔޮ ކަމަކުން މަޙުރޫމުވެއްޖެއެވެ."
ލޮބުވެތި ކިޔުންތެރިންނޭވެ! ތިޔަ ހުރިހާ އަޚުންނާއި އުޚުތުންގެ ނަފުސުތަކަށް އަޅުވެރީންގެ މޫސުމަށް މަރުޙަބާ ކިޔަން އަވަސްވެގަންނާށެވެ! ﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދަން ކަމަރު ބަނދެލަންވީ ވަގުތު މި އޮތީ އައިސްޖެހިފައެވެ. ފާއިތުވި އަހަރުތަކުގައި މި މޫސުމް ތިބާއާ ބައްދަލުވެ ނިމިގެން ދިޔައިރު، އަތުން ބީވި ކަންކަމާމެދު ވިސްނައި ފިކުރުކުރާށެވެ. ރަމަޟާންމަހާ ބައްދަލުވާނޭހެން ދުނިޔޭގައި ދިރިލެހެއްޓެވި ކަމުގެ މައްޗަށް، ފުރާނައިގެ ވެރި އިލާހަށް ހަމްދުކޮށް ޘަނާ ކިޔާށެވެ. މި މަހުގެ ފައިދާ މި އަހަރު ހޯދާނެ އެންމެ އެދެވޭ ގޮތްތަކާމެދު ވިސްނާންވީ ވަގުތަކީ މިއީއެވެ.
މުޅި މަހު އަޅުކަމާއި އެހެނިހެން ކަންކަން ކުރާނޭ ގޮތުގެ ދުވަހީ ތާވަލެއް ރާވައިލާށެވެ. އެންމެ އިސްކަމެއް ދޭންވީ ތައުބާ ވުމަށެވެ. މާޒީގައި ހެދިފައިހުރި ގޯސްތަކަށް އަނބުރާ ނުދިއުމަށް ނިޔަތްގަންނަންވީއެވެ. އެ ކަންކަމާ ރޮއެ ހިތާމަކޮށް ހަދަންވީ އަލުން އޭގެތެރެއަށް ހިނގައިދާނެތީއެވެ. ޢަޒުމް ކަނޑައަޅަންވީ ދެން އެފަދަ ފާފައެއް ނުކުރުމަށެވެ. އެފަދަ ފާފަތައްކުރާ މީހުންނާއި އެފަދަ ފާފަތައް ކުރުމަށް މަގުފަހިވާ ތަންތަނާއި ކަންކަމާ ދުރުގައި އުޅޭށެވެ.
ހެޔޮ ކަންކަން ކުރުމުގައި ދެމި ހުރުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. އެންމެ ފުރަތަމަ ނިޔަތްގަންނާންވީ ރަނގަޅު ގޮތުގައި އިސްލާމީ ދިރިއުޅުމެއްގައި ދުނިޔެ އުޅުމަށެވެ. އޭގެތެރޭގައި އެންމެ އިސްކަމެއް ދީގެން ބަލަންވީ ނަމާދުކުރެވޭތޯއެވެ. ފަރުޟު ފަސް ނަމާދަށް ރައްކާތެރިވާށެވެ! ހިތްވަރު ކުރަންވީ ވަގުތު ފާއިތުވުމުގެ ކުރިން ނަމާދު އަދާ ކުރުމަކަށް ނޫނެވެ. ވަގުތުގެ ކުރީ ކޮޅުގައި ނަމާދު ޤާއިމު ކުރުމަށެވެ! އެކަން އާދަވެއްޖެއްޔާ ސުންނަތް ނަމާދުތަކަށް ސަމާލުވާށެވެ! ރަވާތިބު ސުންނަތުގެ ބާރަ ރަކުޢަތެވެ. ދެން ޟުޙާނަމާދާއި ވިތުރި އެ ތަރުތީބަށް އިތުރު ކޮށްލާށެވެ! މި ހުރިހާ ނަމާދުތަކަކަށް ފަރިތަވެއްޖެ މީހާ ޚާއްޞަ ސަމާލުކަމެއް ދީގެން އަދާކުރަންވީ ސުންނަތް ނަމާދަކީ، ދަމުނަމާދެވެ. ނަމާދުތަކަށް ފަރުވާތެރިވެއްޖެ ކޮންމެ މީހަކު އޭނާގެ ފުރާނަ ނަރަކައިން މިންޖުކޮށްފިކަން ކަށަވަރެވެ.
ޤައުމުގައި ތިބި ވިޔަފާރިވެރީންނޭވެ! މުދަލުގެ އަހުލުވެރީންނޭވެ! ފަސްނުޖެހި ޒަކާތް ނެރޭށެވެ! އެ ނޫން މީހުން ޞަދަޤާތް ދިނުން އާދަ ކުރާށެވެ! ރަމަޟާންމަހުގައި ކުރާ ޢަމަލުތަކަކީ ﷲގެ ޙަޟުރަތުގައި އެތައް ގުނައެއް އިތުރުވެގެން އަންނަ ޢަމަލުތަކެކެވެ. މި މަހަކީ ސިއްރާއި ފާޅުގައި ހޭދަކުރުމަށް ހިތްވަރުދޭ މަހެކެވެ. ނިކަމެތިންނަށް ހޭދަކުރުމުގައި ހިތުން ރުހިގެން އުފަލާ އެކު ހޭދަ ކުރާށެވެ! ނުރުހުމުގައި ހޭދަކުރާ ނަމަ އެ ހޭދައެއް އަނިޔާއަކަށް ބަދަލުވެދާނެއެވެ. ހޭދަކުރާ އެއްވެސް އެއްޗަކީ ގެއްލިދާ އެއްޗެއް ނޫނެވެ. އޭގެ ބަދަލު ދުނިޔޭގައްޔާއި އާޚިރަތުގައި ﷲ ދެއްވާނެތެވެ.
ލޮބުވެތި ކިޔުންތެރިންނޭވެ! ފިކުރުތަކާ ދުރުވެ ޒިކުރު ކުރުން އިތުރު ކުރާށެވެ. ﷲ ހަނދުމަކުރުންމަތީ ދެމިތިބޭ އަޅުން ހަނދުމަ ކުރެއްވުންމަތީ ﷲ ދެމިވޮޑިގެންވެއެވެ. ދީނީ ޢިލްމުން ތިބާގެ ޙަޔާތް މުއްސަނދި ކުރެވޭތޯ މަސައްކަތް ކުރާށެވެ! ޢިލްމު ހޯދަން މަގެއް ހިފައިފި މީހަކަށް ސުވަރުގެ ދާނޭމަގެއް މާތް ﷲ ދައްކަވާނެތެވެ. ލަސްނުކޮށް އަވަސްކުރާށެވެ! މި ކަންކަމައިގެން އުންމީދުކުރާހާލު ރަމަޟާންމަހަށް މަރުޙަބާކިޔާށެވެ! رمضان مبارك.