ގަދަ ވިއްސާރައަށް ފަހު މޫސުން އަލިވާން ފަށައިފި

ވިއްސާރަވެ މާލޭގައި ފެންބޮޑުވެފައި: މެޓުން ބުނީ މޫސުން މި އަލިވީ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަދަވަޔާއި ވިއްސާރައަށް ފަހު މުޅި ރާއްޖެއަށް މޫސުން އަލިވަމުން އަންނަ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.

"ސަން"އަށް މައުލޫމާތު ދެމުން މިއަދު މެޓް އޮފީހުން ބުނީ، ރާއްޖޭގެ ހުރިހާ ސަރަހައްދަަކަށް ވެސް މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ނަމަވެސް، ހުޅަނގުގެ ސަރަހައްދުތަކަށް ކޮންމެ ވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އާންމު ގޮތެއްގައި އެ ސަރަހައްދަށް ވެސް މޫސުން ރަނގަޅު ވާނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ. ކުރިއަށް 24 ގަޑިއިރު އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރުން އެކަށިގެންވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގު އުތުރާ އުތުރުން ގަޑިއަކު 08 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރާއިރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ރާޅުތަކުގައި ދެ ފޫޓާއި ފަސް ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން އިއްޔެ ބުނީ، މިހާރު ރާއްޖެއަށް ކުރަމުން ދަނީ އިރުމަތީގައި އުފެދުނު ސާކިއުލާއެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ. އެ ސާކިއުލާ މިހާރު އުޅެނީ ހުޅަނގުގެ ހިސާބުތަކުގައި ކަމަށާއި ރާއްޖޭގެ ހުޅަނގުގެ ހިސާބުތަކަށް މިއަދު ވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެެވޭ ކަމަށެވެ.

ވިއްސާރަވެ، މުލަ ރޯދަ ދުވަހު މާލޭ ސިޓީގައި ފެންބޮޑުވި ސަރަހައްދުތަކުން 16،911 ޓަނުގެ ފެން ހިންދި ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް