މިޝެލްގެ އާއިލާއިން އޮޓޯޕްސީ ހަދަން ދެކޮޅު

އެމެރިކާގެ ބައެއް މަގުބޫލު ބޮޑެތި ޓީވީ ޝޯތަކުން ގިނަ ބައެއްގެ މެދުގައި ލޯބި ހޯދާފައިވާ ތަރި މިޝެލް ޓްރެޓެންބާގްގެ މަރާ ގުޅިގެން އިތުރު ތަހުގީގުތައް ކުރަން ހުރި ނަމަވެސް އާއިލާއިން އޮޓޯޕްސީ ހަދަން ދެކޮޅު ހަދައިފިއެވެ.

އުމުރުން 39 އަހަރުގެ ތަރި ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށް އިއުލާނު ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހެވެ. އޭނާގެ މަރާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތު އޮޓޯޕްސީއިން އިނގޭނެ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންގެ އާއިލާއިން އޮޓޯޕްސީ ހެދުމަށް ދެކޮޅު ހަދާފައިވަނީ ފުލުހުން އޭނާގެ މަރަކީ އަނިޔާއެއްގެ މަރަކަށް ނުވާ ކަމަށް އިއުލާނުކުރުމުންނެވެ. އަދި އާއިލާއިން އެގޮތަށް ނިންމުމާ ގުޅިގެން ކަމާ ގުޅުންހުރި ފަރާތްތަކުން ވަނީ އޮޓޯޕްސީ ނުހަދަން ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން އާއިލާއިން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

މިޝެލް މަރުވުމުގެ ކުރީން އޭނާ ވަނީ ބައްޔަކަށް ފަރުވާ ދީފައި ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ. ނަމަވެސް މި ބައްޔަށް ފަރުވާ ދީ އޭނާގެ ހާލަތު އެއްކޮށް ރަނގަޅުވެފައިވާ ކަމަށް ވެސް ބައެއް ނޫސްތަކުން މައުލޫމާތު ދެއެވެ.

މިޝެލް އެކްޓިންގެ ދާއިރަށް ވަތް އިރު އޭނާގެ އުމުރުން އެންމެ ތިން އަހަރެވެ. ނަމަވެސް އޭނާ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވަނީ 1996 ވަނަ އަހަރު ދައްކަން ފަށާފައިވާ މަގުބޫލު ޓީވީ ޝޯ "ބަފީ ދަ ވެމްޕަޔާ ސްލޭޔާ"ގައި ކުޅުނު ޑޯން ސަމާސްގެ ރޯލުންނެވެ.

މި ރޯލަށް މިޝެލްއަށް ވަނީ ތަފާތު އެވޯޑުތައް ވެސް ލިބިފައެވެ. އޭގެ އިތުރުން މަގުބޫލު އެޗްބީއޯ ޝޯ "ގޮސިޕް ގާލް"އިން ވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ.

comment ކޮމެންޓް