ބޯކޮށް ވާރޭވެހި މާލެ ފެނުއަޑީގައި އޮއްވައި، މެދު ރާއްޖެތެރެއަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ދެންމެ ރީނދޫ ސަމާލު ނެރެފިއެވެ.
އިއްޔެއިން ފެށިގެން މާލެ ސަރަހައްދަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.
މެޓުން ވަނީ, ބ. އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފައެވެ. މި ސަމަލު ނެރުނީ، މިރޭ 9:45 އިން ފެށިގެން މެންދަމު 3:00އާ ހަމައަށެވެ.
އެ އިދާރާއިން ސަމާލު ނެރުނީ އެ އަތޮޅުތަކަށް ގުރުގުރުމާ އެކު، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ.
މެޓުން ވަނީ މި އަތޮޅުތަކަށް ވިލާގަނޑުގައި، ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

ވިއްސާރަވެ ކަނޑުގަދަ ދުވަހެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީންދޫ ސަމާލު ނެރެފައި ވާއިރު، ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވެސް ވަނީ ހުދު ސަމަލު ނެރެފައެވެ. މި ސަމާލު ނެރެފައި ވަނީ، މިރޭ 9:00 ފެށިގެން މެންދަމު 2:00އާ ހަމައަށެވެ. އެ އަތޮޅުތަކަށް ވެސް ބޯކޮށް ވާރެވެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން އަންނަނީ މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެގެން، ތިން ސަރަހައްދެއްގައި ފެންހިންދުމަށް ހަރަކާތްތެރިވަމުންނެވެ. އެއީ، އައިޖީއެމްއެޗާއި ވެސްޓް ޕާކު އަދި މާފަންނު ފެރީ ޓަމިނަލް ސަރަހައްދުގައެވެ. އަދި، ވެލިބަސްތާ ޖެހުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތް ކުރަމުން ދާކަމަށެވެ.
"ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުން،" ހީނާ ލިޔުއްވާފައި ވެއެވެ.
ކުރިއަށް އޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލަފާކޮށްފައެވެ.
މޫސުން އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ ހޯމަ ދުވަހަށެވެ.