ހުޅުމާލޭގައި ހުންނަ މަސްދިޖުއް ރަޝީދުގައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ދަރިކަލުން އިލްޔަސައު މުހައްމަދު ޝަހީމް މި ރަމަޟާން މަހު އިމާމުވެ ތަރާވީހާއި ދަމު ނަމާދު ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިލްޔަސައުއަކީ ޝަހީމްގެ ދަރިކަލުންނެވެ. އެހެން ކަމުން މި ރަމަޟާންމަހު، މަސްޖިދުއް ރަޝީދުގައި އިމާމުވެ ތަރާވީހާއި ދަމު ނަމާދު ކުރައްވާނީ މި ދެބަފައިންނެވެ.
އިމާމުވެ ނަމާދުކުރުމުގެ ކުރިން އިލްޔަސައުވަނީ ވަރަށް ގިނަ ޖަލްސާތަކުގައި ވެސް ގުރުއާން ކިޔަވައިދީފައެވެ. ގުރްއާނުގެ އިލްމާ ގުޅުންހުރި އެކި ކަންކަމުގައި އިލްޔަސައު އަންނަނީ ޝަހީމާއެކު ބައިވެރިވަމުންނެވެ. މިނިސްޓަރު ޝަހީމަކީ ވެސް ރީތި ރާގަށް ޤުރުއާން ކިޔަވައި ވިދާޅުވާ، އަދި އިމާމުވެ ނަމާދުކުރައްވާ ބޭފުޅެކެވެ. އަދި ޝަހީމްގެ ގުރުއާން ކިޔަވާ ވިދާޅުވާ ރާގަކީ ގިނަ ބަޔަކު ގަޔާވާ، ތައުރީފްކުރާ ކިޔެވުމުގެ ރާގެކެވެ.
މި އަހަރު ރަމަޟާން މަހުގައި ގިނަ އަދަދެއްގެ ދިވެހި ޒުވާން އިމާމުން އިމާމުވެ ތަރާވީހާއި ދަމުނަމާދު ކުރާނެއެވެ.
އެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތް ކަމުގައިވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް މި ރަމަޟާން މަހު ޒުވާނުން އިމާމުވެ ނަމާދު ކުރާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާން މަހު ޒުވާން އިމާމުންނަށް ފުރުސަތު ދީފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ލީޑަރުން އުފެއްދެވުމަށް ކަމަށެވެ.