މުޅި ޑިޒައިނަށް ބަދަލު ގެނެސް، ރަސްމީ ފާލަން މަރާމާތުކޮށް ނިންމައިލުމަށްފަހު މިރޭ އަލުން ހުޅުވައިފިއެވެ.
ފާލަން އަލުން ތަރައްގީކުރުމުގެ މަޝްރޫއު 11.7 މިލިއަން ރުފިޔާއަށް ހަވާލުކުރީ އެމްޓީސީސީއާއެވެ. މަސައްކަތް ނިންމުމަށްފަހު މިރޭ ފާލަން ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
ފާލަން ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސްވަނީ އިއްޒުއްދީން ފާލަމުން މިހާރު ރަމްޒުކޮށްދެނީ، ދިވެހިވަންތަކަމާއި، ދިވެހި ފަންނުވެރިކަމާއި، ދިވެހި މާޒީ އާއި މުސްތަޤުބަލުކަމަށެވެ.

ރަސްމީ ފާލަން ހުޅުވުން -- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ މި ފާލަމަކީ، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ޤައުމީ ތަރައްޤީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވަނީ މިދިޔަ ސަރުކާރުތަކުން ރަސްމީ ފާލަން ވީރާނާވެގެންދިޔައިރު ވެސް އެ ތަނަށް އަޅައިނުލިކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
މުޅި މަސައްކަތް އަލުން ބޮޑުކޮށް ކުރަން ޖެހުނު މައިގަނޑު ސަބަބަކީ އެއީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.