މިދިޔަ ސަރުކާރުގައި އިއުލާންކުރި ބޯހިޔާވަހިކަމުގެ ސްކީމް، ގެދޮރުވެރިޔާގެ ދަށުން ދޫކުރަން ނިންމާފައި އޮތް 4،000 ފުލެޓުގެ ހައްގުވެރިންގެ ލިސްޓު މިއަދު އާންމުކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2024ގައެވެ.
އެހެންނަމަވެސް އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވިއެވެ.
އެއަށްފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ފެށުނު ފަހުން، މިދިޔަ ފެބްރުއަރީ މަހު އޭސީސީން ވަނީ، ބައެއް ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހުއްދަދީފައެވެ.
މި ސަރުކާރުން ނިންމީ، ފުލެޓު ލިސްޓު ހައުސިން މިނިސްޓްރީން ބެލުމަށްފަހު އާންމު ކުރުމަށެވެ. އެއަށްފަހު ލިސްޓު ނެރޭނެ އެކި ތާރީޚުތަކެއް ދިން ނަމަވެސް އެ ތާރީޚުތަކުގައި ލިސްޓު ނެރެފައިނުވެއެވެ.
މި ސަރުކާރުން ލިސްޓު ނެރެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ދެ ކޮޓަރީގެ ފުލެޓުތަކާއި ތިން ކޮޓަރީގެ ފުލެޓުތަކަށް ޕޮއިންޓް ހަމަވި މީހުންގެ ފޯމްތައް އަލުން ބެލުމަށް ފަހުގައެވެ.
ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓްމެންޓަށް 1،218 ފަރާތެއް ޝަރުތު ހަމަވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް 3،721 ފަރާތެއް ޝަރުތު ހަމަވެފައިވެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ހައުސިން މިނިސްޓްރީން 4،939 ފަރާތެއްގެ ފޯމް އަލުން ބެލި ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަށް އެއްބަޔަށް ވުރެ ގިނަ ފޯމަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫންކަން އެނގިފައިވާ ކަމަށެވެ.
މިނިސްޓްރީން އަލުން ބެލީ، ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި، ތިން ކޮޓަރީގެ ލިސްޓުގައި 75 ޕޮއިންޓަށް ވުރެ އިތުރަށް ލިބުނު ކަމަށް ކަނޑައަޅާފައިވާ މީހުންނާއި ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުން ކަމަށެވެ.
އެ ލިސްޓުން ދައްކާ ގޮތުގައި ޝަރުތު ހަމަވަނީ 1،820 ފަރާތަކަށެވެ.
ހައުސިން މިނިސްޓްރީންވަނީ، އެ ލިސްޓަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޝަކުވާ ހުށަހެޅޭނެ ކަމަށް ބުނެފައެވެ. އެ ފުރުސަތު ހުޅުވާލާނީ މާރިޗު މަހުގެ 31ގެ ނިޔަލަށެވެ.
ޝަކުވާ ހުށަހަޅާނީ، ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ 'ގެދޮވެރިން ޕޯޓަލް' މެދުވެރިކޮށެވެ. އަދި ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއް ނަމަ [email protected] އީމެއިލްއަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ޝަކުވާ ހުށަހެޅޭނެއެވެ.
މީގެ އިތުރުން، ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެއެވެ.
ޝަކުވާ ހުށަހަޅަން ހުޅުވާލައިފައިވާއިރު، މުއްތަލިބު މިއަދު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ. އަދި 1،820 ފަރާތަކަށް ފުލެޓު ދިނުމަށް ފަހު، ބާކީ ފުލެޓުތައް ދޭނީ، ބާކީ 15،000 ފޯމު އިވެލުއޭޓް ކުރުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.