މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރޭގައި ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު، ޑރ. އަލީ ހައިދަރު އަހްމަދުގެ ދެމަފިރިން ހިމެނިއްޖެއެވެ.
ގެދޮރުވެރިޔާގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކުގެ ލިސްޓުގައި ހައިދަރުގެ ދެމަރިފިންނަށް ލިބިފައިވަނީ 75 ޕޮއިންޓެވެ.
ފްލެޓް ލިބެން ޝަރުތު ހަމަވާކަމަށް ކުރީ ސަރުކާރުން އެކުލަވައިލި ލިސްޓުގައި 8،000 އަށްވުރެ ގިނަ މީހުން ތިބިއިރު، އެ ލިސްޓު ރިވިއުކުރަން މި ސަރުކާރުން އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަކޮށް، ލިސްޓު އާންމުކުރިއިރު ޝަރުތު ހަމަވީ އެންމެ 1،820 މީހުންނެވެ.
އެ ލިސްޓުގައި މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރު ހައިދަރުގެ ނަން އޮތުމުން އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ސުވާލު އުފައްދައި ފާޑު ކިޔަމުންނެވެ. އެއީ މި ފަހުން ނެރުނު ލިސްޓަކީ ހައިދަރުގެ ބައިވެރިވުމާއެކު ރިވިއުކުރި ލިސްޓަކަށް ވުމުން ކަމަށް ބުނެއެވެ.
އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންފްރާސްޓްރަކްޗަރު މިނިސްޓްރީއާ ހައުސިން މިނިސްޓްރީ އެއްކޮށްލައްވައި، އެ މިނިސްޓްރީގެ މަސައްކަތްތައް އިންފްރާސްޓްރަކްޗަރު މިނިސްޓަރުކަމުގައި ހުންނެވި ޑރ. އަބްދުﷲ މުއްތަލިބާ ހަވާލު ކުރައްވައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ހައިދަރު ދިރިއުޅުއްވީ އިނގިރޭސިވިލާތުގައި ކަމަށް ވުމުން އެކަމުގެ ކަންބޮޑުވުން ވެސް އާންމުން އަންނަނީ ފާޅުކުރަމުންނެވެ.