ހޮޅުދޫގައި ހިންގި އިހުތިޖާޖެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިން ދެ މީހަކު ހައްޔަރުކޮށްފި

ޒަކިއްޔާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހޮޅުދޫގައި މުޒާހަރާކުރުން: ހޮޅުދޫގައި ހިންގި އިހުތިޖާޖެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިން ދެ މީހަކު ހައްޔަރުކޮށްފި -- ފޮޓޯ/ ފޭސްބުކް

ނ. ހޮޅުދޫގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި އިހުތިޖާޖެއްގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަންއަށް ގެއްލުންދިން މައްސަލައެއްގައި ދެމީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން "ސަން"އާ ހިއްސާކުރި މެސެޖެއްގައި ވަނީ، އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ.

މި މައްސަލަ ބަލަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހު ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު، މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އެރަށުގައި މިދިޔަ ހަފުތާގައި ވަނީ އިހުތިޖާޖުތަކެއް ކުރިއަށްގެންގޮސްފައެވެ.

https://sun.mv/203048

އިހުތިޖާޖުގެ ބައިވެރިން ގޮވަމުން ދިޔައީ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށެވެ. މި އިހުތިޖާޖުގެ ތެރެއިން ހޯމް މިނިސްޓަރު އަލީ އިހުސާނުގެ އިސްތިއުފާއަށް ހޮޅުދޫ ރައްޔިތުން ގޮވާލައިފައި ވަނިކޮށް މިދިޔަ އަންގާރަ ދުވަހު ހޯމް މިނިސްޓަރު އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ އެރަށަށް ޒިޔަރާތްކޮށް ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައްޔިތުން ވަނީ ޒަކިއްޔާގެ މަރާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެރަށު ރައްޔިތުންނާ ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު ވަނީ، އެ މައްސަލައިގައި ހޮޅުދޫއަށް އާދެވުނުލެއް ލަސްކަމަށް އިއުތިރާފުވެ މައާފަށް އެދިވަޑައިގެންފައެވެ.

އަދި ޒަކިއްޔާ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް އެބަހުރިކަމަށް އިހުސާނު ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.

މީގެ ކުރިން ފުލުހުން ވަނީ މި މައްސަލައިގެ އަދާހަމަ ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ފުލުހުން ބުނީ، ޒަކިއްޔާގެ ކަރުގެ ކަނާތް އަދި ވައަތް ފަރާތަށް ފުންކޮށް ގިނަ ޒަޚަމްތަކެއް ލިބިފައި ހުރިކަމަށެވެ. އަދި ކަރުގައި މެދާއި ހިސާބުގައި ތިލަކޮށް އެއް ޒަޚަމް ލިބިފައިވާކަން ހާމަކޮށްފައި ވެއެވެ.

އޭނާ މަރުވެފައި އޮތް ސީންގައި އޭނާގެ ކައިރީ އޮތް ވަޅިއާއި އޭނާގެ ހެދުމުގައި ވެސް ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އަދި އެ ވަޅީގައި ހުރި ލެއަކީ ޒަކިއްޔާގެ ލޭ ކަމަށް ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެންނަމަވެސް ޒަކިއްޔާގެ ކަރުގައި ފެންނަން ހުރި ޒަޚަމްތަކަކީ އެ ވަޅިން ލިބިފައިވާ ޒަޚަމްތަކެއްތޯ ނުވަތަ ނޫންތޯ ފުލުހުން ހާމައެއްނުކުރެއެވެ. ފުލުހުން ބުނި ގޮތުގައި އެ މައުލޫމާތުތައް ހިއްސާކުރެވޭނީ މުޅި ތަހުގީގު ނިމުމުންނެވެ.

comment ކޮމެންޓް