އިއްޔެ ހެނދުނު ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ފަނޑިޔާރުގެ ހުއްޓުމަކަށް ގެނެސް، ތަޅުއަޅުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ތުހުމަތުކުރައްވައިފިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ހުށަހެޅި ބިލު ފާސްކުރީ، ސިޔާސީ ޕާޓީތަކުން ވަކިކުރާ ނުވަތަ އަމިއްލައަށް ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެ މަޖިލީހުން ފާސްކުރި އިސްލާހު ބާތިލުކުރުމަށް އެދި އަލީ ހުސައިން ހުށަހަޅުއްވާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ. އެ މައްސަލަ ބަލަމުންދާއިރު، އިސްލާހަށް އަމަލުނުކުރެވޭނެ ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެން އޭނާ އެދިވަޑައިގަތުމުން، އިއްޔެ ހެނދުނު 11:00އަށް އަޑުއެހުމެއް ތާވަލުކުރިއެވެ.
ނަމަވެސް، އެ އަޑުއެހުން ބޭއްވުމުގެ ކުރިން ޖޭއެސްސީން ވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކޮށްފައެވެ. އެއީ، އެ ބޭފުޅުންގެ ޖިނާއީ މައްސަލަ ބަލަމުންދާ ކަމަށް އޭސީސީން އަންގާފައިވުމުން ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އެ ނިންމުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ މުޅި ބެންޗުން ބަލަމުންއައި މައްސަލައާ ގުޅުންހުރި ވަގުތީ އަމުރު ނެރުމުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
އެއާއެކު އަލީ ހުސައިނާ އެކު ބާ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އިތުރު ވަކީލުން މިއަދު ވަނީ ޖޭއެސްސީއަށް ވަޑައިގެންފައެވެ.
ދޮޅު ގަޑިއެއްހާއިރު އެތަނުގައި މަޑުކުރުމަށްފަހު ނުކުމެވަޑައިގެން މީޑިއާތަކާ ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ސުޕްރިމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރަން ނިންމިއިރު ވަކީލުންގެ ފަރާތުން މެންބަރަކު ފޮނުވާފައި ހުންނާނެ ކަމަށެވެ. އެއީ އުސްތާޒު އަލީ ލަތީފް ކަމަށާއި، މިއަދު ޖޭއެސްސީއަށް އައީ އެކަމުގައި އޭނާ ބައިވެރިވެ ވޯޓު ދެއްވިތޯ ސާފުކުރުމަށް ކަމަށް އަލީ ވިދާޅުވިއެވެ.
އެހެންނަމަވެސް ބޭނުންވާ މައުލޫމާތު ހޯދުމަށް ލިޔުމުން ހުށަހެޅުމަށް ޖޭއެސްސީން އެދުނު ކަމަށާއި، ލިޔުމުން ހުށަހެޅި ނަމަވެސް އަދި ބޭނުންވާ މައުލޫމާތެއް މިއަދު ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮމިޝަންގެ ޖަލްސާއެއް ބޭއްވުމަށް ފަހު، އެ މައުލޫމާތު ދެވޭނެ ކަމަށް ފަހުން ބުނި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ މައުލޫމާތަކީ ހަމައެކަނި ޖޭއެސްސީގެ ޖަލްސާއެއް ބާއްވައިގެން ދޭންޖެހޭ ވަރުގެ މައުލޫމާތެއް ނޫން ކަމަށް އަލީ ވަނީ ވިދާޅުވެފައެވެ.
"އެހެންނަމަވެސް މިވަރު ކަމެއްގައި އަޅުގަނޑުމެންގެ ލޯޔަރުން ރެޕްރެޒެންޓް ކުރަން ހުރި މަންދޫބު، ބައިވެރިވިތޯއާއި، ވޯޓުދެއްވިތޯއާއި، ދެއްކެވި ވާހަކައަކާއި، އަމަލުކުރެއްވި ގޮތެއް އަޅުގަނޑަށް ހީވަނީ މިއީކީއެއް ސިއްރުކުރަންޖެހޭވަރުގެ މައުލޫމާތެއް ނޫންހެން. ހަމަ ވަގުތުން ވަގުތަށް ދެއްވޭނެ ވަރުގެ މައުލޫމާތު. ޔައުމިއްޔާ ހުންނަންޖެހޭނީ ލިޔެވި ރައްކާކުރެވިފައި،" އަލީ ހުސައިން ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި މީގައި މިއުޅެނީ އެހެން ކަމެއް ހަގީގަތުގައި. އެބޭފުޅުން ސިއްރުކުރަންޖެހޭ ބައިވަރު ކަންތައްތަކެއް ހުރީމަހެން ހީވަނީ [ހާމަނުކުރީ]،"
އަލީ ވިދާޅުވީ އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އެއީ ކަނޑައެޅިގެން ސުޕްރިމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން ސަރުކާރާ ގުޅިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.
"ފަނޑިޔާރަކާ ގުޅޭ ސުލޫކީ މައްސަލައެއް ހުށަހެޅޭ ކޮންމެ ފަހަރަކު ފަނޑިޔާރު ސަސްޕެންޑުކުރާކަށް ނުޖެހޭ. ސަސްޕެންޑުކުރާނަމަ ވެސް އެ މީހަކަށް ފުރުސަތުދޭންޖެހޭނެ، އެ މީހެއްގެ ބަސް ހޯދަންޖެހޭނެ. ސަސްޕެންޑުކުރާވަރު ކަމެއް ހިޔެއް ނުވޭ މި ގައުމަކު ހިނގާހެނެއް،" އަލީ ހުސައިން ވިދާޅުވިއެވެ.
"ފަނޑިޔާރުގެ ހުއްޓުމަކަށް ގެނެސް، ތަޅުއެޅުވުމަށް ކުރިކަމެއްގެ ގޮތުގަ އަޅުގަނޑަށް މިކަން ފާހަގަކުރެވެނީ،"
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެ ތިން ފަނޑިޔާރުންނާ މެދު ޖިނާއީ ތަހުގީގެއް ހިންގާތީކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އަދި ފަނޑިޔާރުން ސަސްޕެންޑުކުރަން ނިންމީ އިއްޔެ އޮތް ބައްދަލުވުމެއްގައި ކަމަށް ޖޭއެސްސީން ބުނި ނަމަވެސް، އެ ނިންމުމާ ގުޅޭ އިތުރު ތަފުސީލެއް ދީފައިނުވެއެވެ. އަދި ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލާ މައްސަލައިގެ ތަފުސީލެއް ވެސް ދީފައިނުވެއެވެ.