އެމެރިކާގެ ބައެއް މަގުބޫލު ބޮޑެތި ޓީވީ ޝޯތަކުން ގިނަ ބައެއްގެ މެދުގައި ލޯބި ހޯދާފައިވާ ތަރި މިޝެލް ޓްރެޓެންބާގް، އުމުރުން 39 އަހަރުގައި މަރުވެއްޖެއެވެ.
މިޝެލް އިއްޔެގެ ވަގުތެއްގައި މަރުވެފައި އޮއްވައި ފެނިފައިވަނީ އެމެރިކާގެ މެންހެޓެންގައި ހުންނަ އޭނާގެ ގެއިންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިޝެލް މަރުވެފައިވާކަން އެނގިފައިވަނީ އިމާޖެންސީ ކޯލަކަށް ޖަވާބު ދީ ޓީމެއް އޭނާގެ ގެއަށް ފޮނުވި ފަހުން ކަމަށެވެ. އަދި ފުލުހުން އޭނާގެ ގެއަށް ދިޔަ އިރު އޭނާ އޮތީ މަރުވެފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
މިޝެލްގެ މަރުގެ ފަހަތުގައި އެއްވެސް ކަހަލަ ހަމަލާއެއް އަދި އަނިޔާއެއް ހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް މިޝެލްގެ މަރުގެ ފަހަތުގައިވާ ސަބަބެއް އެނގޭނީ ޑޮކްޓަރުން އިތުރަށް ތަހުގީގުކޮށް ނިމުމުން ކަމަށް ފުލުހުން ބުނެއެވެ.
މިޝެލް މަރުވުމުގެ ކުރީން އޭނާ ވަނީ ބައްޔަކަށް ފަރުވާ ދީފައި ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ. ނަމަވެސް މި ބައްޔަށް ފަރުވާ ދީ އޭނާގެ ހާލަތު އެއްކޮށް ރަނގަޅުވެފައިވާ ކަމަށް ވެސް ބައެއް ނޫސްތަކުން މައުލޫމާތު ދެއެވެ.
މިޝެލް އެކްޓިންގެ ދާއިރަށް ވަތް އިރު އޭނާގެ އުމުރުން އެންމެ ތިން އަހަރެވެ. ނަމަވެސް އޭނާ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވަނީ 1996 ވަނަ އަހަރު ދައްކަން ފަށާފައިވާ މަގުބޫލު ޓީވީ ޝޯ "ބަފީ ދަ ވެމްޕަޔާ ސްލޭޔާ"ގައި ކުޅުނު ޑޯން ސަމާސްގެ ރޯލުންނެވެ. މި ރޯލަށް މިޝެލް އަށް ވަނީ ތަފާތު އެވޯޑުތައް ވެސް ލިބިފައެވެ. އޭގެ އިތުރުން މަގުބޫލު އެޗްބީއޯ ޝޯ "ގޮސިޕް ގާލް" އިން ވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ.