އާ ހެރީ ޕޮޓާއަށް ޑަމްބަލްޑޯ ލިބިއްޖެ

ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި މިހާތަނަށް އުފެދުނު އެންމެ ނުފޫޒުގަދަ ފްރެންޗައިޒް ކަމަށްވާ "ހެރީ ޕޮޓާ" ފްރެންޗައިޒް ރީބޫޓުކޮށް އުފައްދާ ސީރީޒްގެ މުހިންމު ރޯލެއް ކަމަށްވާ އަލްބަސް ޑަމްބަލްޑޯގެ ރޯލަށް އެކްޓަރަކު ހަމަޖައްސައިފިއެވެ.

ޖޭކޭ ރޯލިންގެ ވާހަކަ ސީރީޒަށް ބިނާކޮށް ވޯނާ ބްރޮސްއިން 2001 ގައި ދައްކަން ފަށާފައިވާ ހެރީ ޕޮޓާ ސީރީޒްގެ އަށް ފިލްމެއް ވަނީ ނެރެފައެވެ. މި ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ނެރެފައިވަނީ 2011 ވަނަ އަހަރުގައެވެ. ޖުމްލަ އަށް ފިލްމާ އެކު ފިލްމު ފްރެންޗައިޒް ވަނީ 7.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.

މި ކާމިޔާބީއަށް ބިނާކޮށް ވޯނާ ބްރޮސްއިން ލައިވް އެކްޝަން ޝޯއެއް އަލުން ފަށަން އުޅޭކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. މި ޝޯއަކީ އޮރިޖިނަލް ފިލްމުތަކުގެ ވާހަކަތައް އަލުން ރީބޫޓުކޮށް ސީރީޒެއްގެ ގޮތުގައި ދެއްކުމަށް ފަށާ ޝޯއެކެވެ. މިއީ ވޯނާ ބްރޮސްގެ ސްޓްރީމިން ސާވިސް "މެކްސް"އަށް ރިލީޒްކުރުމަށް ތައްޔާރުވާ ޝޯއެކެވެ.

ޝޯގެ މަސައްކަތް ފަށާފައިވާއިރު މިހާރު ކުރިއަށްދަނީ ކާސްޓު ހަމަޖެއްސުމުގެ މަސައްކަތެވެ. އެގޮތުން، ދާދި ފަހުން ވަނީ ޝޯގެ މުހިންމު ރޯލެއް ކަމަށްވާ ޕްރިންސިޕަލް އަލްބަސް ޑަމްބަލްޑޯގެ ރޯލަށް މީހަކު ހަމަޖައްސާފައެވެ. މި ރޯލަށް ހަމަޖައްސާފައިވަނީ އެމެރިކާ އެކްޓަރު ޖޯން ލިތުގައުއެވެ.

ޖޯންއަކީ ހޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ފެނިގެން ގޮސްފައިވާ ތަރިއަކަށް ވާއިރު ފާހަގަކުރެވޭ ފްރެންޗައިޒްތަކަށް އަޑުވެސް އަޅާފައިވާ ތަރިއެކެވެ. އުމުރުން 79 އަހަރުގެ ލިތުގައު ފެނިގެން ގޮސްފައިވާ ފިލްމުތަކުގެ ތެރޭގައި "ކޮންކްލޭވް"އާއި "އިންޓަސްޓެލާ"ގެ އިތުރުން "ފުޓްލޫސް" ހިމެނެއެވެ.

އޭނާ ބުނެފައިވާ ގޮތުގައި ހެރީ ޕޮޓާގެ ޕްރޮޖެކްޓަށް އޭނާ ވަނީ ވޯނާ ބްރޮސްއާ އެކު 10 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއާއެކު ޝޯގެ މަސައްކަތް ނިންމާލެވޭއިރު އޭނާގެ އުމުރުން 10 އަހަރު ވާނެ ކަމަށް ވެސް އޭނާ ބުނެއެވެ.

މައުލޫމާތު ލިބޭގޮތުގައި ޝޯގެ ކޮންމެ ސީޒަނެއް ބިނާކޮށްފައިވާނީ ވާހަކަ ފްރެންޗައިޒްގެ ފޮތަކަށެވެ. ދެ އަހަރުގެ ބޮޑެތި ބްރޭކް ނެގުމުގެ ބަދަލުގައި ކޮންމެ އަހަރެއްގައި ވެސް ޝޯގެ އާ ސީޒަނެއް ފެންނާނެ ކަމަށް ވޯނާ ބްރޮސްއިން އިޝާރާތްކޮށްފައިވެއެވެ.

comment ކޮމެންޓް