ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ބަލިވެ، ހާލަތު ސީރިއަސް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.
މި ފާއިތުވި ދެ މަހެއްގެ ތެރޭގައި ޖަސްޓިން ވަނީ މަދުން ނަމަވެސް އާންމުންނަށް ފެނިގެން ގޮސްފައެވެ. އިވެންޓުތަކުން ބޭރުން އެކި ކަހަލަ ކުދި ބައްދަލުވުންތަކުން އޭނާ ފެނިފައިވާއިރު އޭނާ ފެނިފައިވަނީ ވަރަށް ބަލިކޮށް ހުންނަ ތަނެވެ. އޭނާ ހުންނަނީ އަބަދުވެސް ވަރުބަލިކޮށެވެ. އަދި މުޅި މީހާވެސް ހުރީ ވަރަށް ބޮޑަށް ހިކިފައެވެ.
މިކަމާ ގުޅިގެން ފޭނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޖަސްޓިންއަށް ސީރިއަސް ބައްޔެއް ޖެހިފައިވަނީ ކަމެއް ނުވަތަ ސީރިއަސް ހާލުގައި ހުރި ކަމަށް އެތައް ފޭނުން ގަބޫލުކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ތަފާތު ވާހަކަ ދައްކާތީ އެންމެ ފަހުން ޖަސްޓިންގެ އޭޖެންޓު މިކަމަށް ރައްދެއް ދީފިއެވެ. އޭނާ ބުނެފައިވަނީ ޖަސްޓިންގެ ސިއްހަތާ ގުޅިގެން އެތައް ބަޔަކު ދޮގު ވާހަކަތައް ދައްކަމުން ދާ ކަމަށެވެ. މިއީ އޭގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ބީބާ ދުޅަހެޔޮ ސިއްހަތެއްގައި ހުރި ނަމަވެސް އޭނާ މި ވަގުތު އުޅެނީ ވަރަށް ބިޒީކޮށް ކަމަށް އޭނާ ބުނެއެވެ.
އެގޮތުން، އަލަށް ބައްޕައަކަށްވެފައިވާ ބީބާ އޭނާގެ ދަރިފުޅާއި އަންހެނުންނާ އެކު ވަގުތު ހޭދަކުރަނީ ވަރަށް ބުރަ ތާވަލެއްގައި އުޅެމުން ކަމަށް އޭނާ ބުނެއެވެ. މި ތާވަލުގައި ޓުއާ ކުރުމާއި އާ މިއުޒިކް އުފެއްދުން ފަދަ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
ޖަސްޓިން ބީބާއާއި އޭނާގެ އަންހެނުން ހެއިލީ ބީބާ ވަނީ ދެ މީހުންގެ ފުރަތަމަ ދަރިއަށް މިދިޔަ އޯގަސްޓު މަހުގައި މަރުހަބާ ކިޔާފައެވެ.
ބީބާގެ ސިއްހަތާ މެދު އެހާ ގިނަ ބަޔަކު ވާހަކަދައްކަނީ އޭނާގެ ކުރީގެ ހާލަތުތަކާ ގުޅިގެންނެވެ. އޭނާ ވަނީ އޭނާގެ ސިއްހަތާ މެދު ފާޅުކަން ބޮޑުގޮތެއްގައި މީގެ ކުރީން ވާހަކަ ދައްކާފައެވެ. އެގޮތުން އެއް ފަހަރެއްގައި އޭނާގެ މޫނުމަތިން އެއް ފަޅި ވަނީ ދުވަސްވަރަކަށް ޕެރަލައިޒް ވެފައެވެ. އޭގެ ކުރީން އޭނާ ވަނީ އޭނާއަށް ލައިމް ބަލި ޖެހިފައި ހުންނަ ކަމަށްވެސް ހާމަކޮށްފައެވެ.