ބޮލީވުޑްގެ ޑައިރެކްޓަރު ފަރުހާން އަހްތަރުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފްރެންޗައިޒް ކަމަށްވާ "ޑޮން"ގެ ތިން ވަނަ ފިލްމުގެ މަސައްކަތް މި އަހަރުތެރޭ ފަށާނެ ކަމަށް ފަރުހާން ބުނެފިއެވެ.
ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ އެކްޓަރު ފަރުހާން މިކަން ކަށަވަރުކޮށްދީފައި ވަނީ "ޑޮން 3" އަވަސް ކުރިމަގެއްގައި ފަށާނެ ކަމާމެދު މީޑިއާއިން ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ.
މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ފަރުހާން އިއުލާނުކުރި "ޑޮން 3"ގެ ލީޑް އެކްޓަރުގެ ގޮތުގައި ރަންވީރު ސިންގް ފެންނާނެއިރު މި ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނީ ކިއާރާ އަދުވާނީއެވެ.
ކިއާރާ ވަނީ މި ފިލްމުގައި ބަތަލާ ކުޅޭ ރޯލަށް ފިޓު ވުމުގެ ގޮތުން ވަރަށް ހާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށްފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ބޮލީވުޑް އެކްޓަރު ރަންވީރު ސިންގް އަދި ބަތަލާ ކިއާރާ އަދްވާނީ--ފޮޓޯ.ބޮލީވުޑްހަންގާމާ
ފަރުހާނު މި އަހަރު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ފިލްމީ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން އިންޑިއާ ޓުޑޭއިން ކުރި ސުވާލަށް ޖަވާބު ދެމުން އެކްޓަރު ބުނީ "ޑޮން 3"ގެ މަސައްކަތް މި އަހަރުތެރޭ ފެށޭނެއިރު ފަރުހާން ލީޑް ރޯލްއިން ފެންނާނެ ފިލްމު "120 ބަހާދުރު" މި އަހަރުގެ ފަހުކޮޅު ސިނަމާތަކަށް ގެންނާނެ ކަމަށެވެ.
ފިލްމު "ޑޮން 3"އަށް ސޮއިކުރިކަން އިއުލާނު ކުރަމުން އެކްޓަރު ރަންވީރު ސިންގް ބުނެފައި ވަނީ އިންޑިއާގެ ސިނަމާގެ އެންމެ އައިކޮނިކް ކެރެކްޓާ ކުޅެން ލިބުނު ފުރުސަތަކީ ކޮނޑުގައި އެޅުނު ވަރަށް ބޮޑު ޒިންމާއެއް ކަމަށް ދެކޭ ކަމަށެވެ.
މި ފްރެންޗައިސްގެ ކުރީގެ ފިލްމުތަކަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބު "ޑޮން 3"އަށް ވެސް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ބެލުންތެރިން އުއްމީދުކުރާ ފެންވަރަށް ރަންވީރުގެ ކެރެކްޓަ ގެނެސްދޭން މަސައްކަތް ކުރާނެ ކަމަށް ކާމިޔާބު އެކްޓަރު ވަނީ ބުނެފައެވެ.
ފިލްމު "ޑޮން"ގެ ކުރީގެ ދެ ފިލްމުން ލީޑް ރޯލްއިން ޝާހްރުކް ޚާން ފެނިފައިވާއިރު އެންމެފަހުން ރިލީޒްކުރި "ޑޮން 2"ގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްޅާއެވެ.