ހުޅުމާލޭ ބޮޑު މިސްކިތް މަރާމާތާށްފަހު ހުޅުވައިފި

ހުޅުމާލޭ ބޮޑު މިސްކިތް މަރާމާތާށްފަހު ހުޅުވުން -- ފޮޓޯ/ ސިޓީ ކައުންސިލް

ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން, މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) އެއްކޮށް, އޭސީ ކޮށް، އެ މިސްކިތް އަޕްގްރޭޑް ކޮށް, އާބާތުރަ ފިލުވުމަށް ފަހު މިއަދު އެ މިސްކިތް ހުޅުވައިފިއެވެ.

މިއީ އުރީދޫ މޯލްޑިވްސް އާއި "ގަތަރު ޗެރިޓީ" އަދި މާލޭ ސިޓީ ކައުންސިލުން ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މި މިސްކިތް ހުޅުވުމަށް މިއަދު ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހަމާދީ އާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާލިދު އަލް ހަމާދީ ވިދާޅުވީ، މި މިސްކިތް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރަން އެންމެ ރަނގަޅު ވަގުތަކީ މިއީ ކަމުގައި ދެކެވަޑައިގެންނަވާ ކަމަށެވެ. އޭނާ ވަނީ މިކަމަށް މަގުފަހިކޮށްދެއްވިކަމަށް ޓަކައި "ގަތަރު ޗެރިޓީ"އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަސައްކަތް އަވަހަށް ނިންމަން ސިޓީ ކައުންސިލުން ވެދެއްވި އެހީ ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައިފައި ވެއެވެ.

"މި މަސައްކަތަކީ ވަރަށް ފަހުން ފެށި މަސައްކަތެއް. ކުޑަ ދުވަސްކޮޅެއްތެރޭ މަސައްކަތް ނިންމައިދެވުނީތީ އުފާކުރަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އުރީދޫއަކީ ހަމައެކަނި ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ނޫން ކަމަށާއި އެއީ މުޖުތަމައުގެ ބައެއްކަމަށެވެ.

ހުޅުމާލޭ ބޮޑު މިސްކިތް މަރާމާތާށްފަހު ހުޅުވުން -- ފޮޓޯ/ ސިޓީ ކައުންސިލް

"އެހެންވީމައި އަހަރެމެންގެ އިނީޝިއޭޓިވްތައް މެދުވެރިކޮށް، މުޖުތަމައުއަށް އެހީތެރިވެދެވޭނެ ގޮތްތައް އަބަދުވެސް ބަލަން،" އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ގުޅިގެން މަސައްކަތް ކުރުމަކީ ބާރެއްކަން އަބަދު ވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކުން މުޖުތަމައުއަށް ފައިދާ ހުރި ކަންތައްތައް ކޮށްދެވޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި މިސްކިތުގެ އާބާތުރަ ފިލުވަން އުރީދޫ މޯލްޑިވްސް އާއި "ގަތަރު ޗެރިޓީ"ން ނިންމާ އެއްބަސްވުމުގައި ސޮއި ކުރީ، މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ.

ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1800އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭގޮތަށް ބިނާކުރެވިފައިވާ މިސްކިތެކެވެ. މި މިސްކިތަކީ ގަސްތަކުން ގޯތިތެރެ ރީތިކޮށްފައިވާ، މިސްކިތުގެ އެތެރޭގައި ސީލިންގުގެ މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުންނަ މިސްކިތެކެވެ.

ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތްކުރި މިސްކިތެކެވެ.

comment ކޮމެންޓް