ފަހު ވަގުތު ފަނޑިޔާރުން ސަސްޕެންޑުކުރުމުން ސުޕްރީމް ކޯޓުގެ އަޑުއެހުން ކެންސަލްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ޖޭއެސްސީން ވަނީ ކުއްލި ގޮތަކަށް ފަނޑިޔާރު ހުސްނުއްސުއޫދާއި، އަޒްމިރަލްދާއާއި، މަހާޒު ސަސްޕެންޑުކުރަން ނިންމައިފައި -- ފޮޓޯ: ރައީސް އޮފީސް

ފަހު ވަގުތު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން އެ ކޯޓުގައި މިއަދު ތާވަލުކުރި ގޮނޑިގެއްލޭ މައްސަލައާ ގުޅޭ ވަގުތީ އަމުރުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެއީ:

  • ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު
  • ފަނޑިޔާރު ހުސްނުއްސުއޫދު
  • ފަނޑިޔާރު މަހާޒް އަލީ ޒާހިރު

އެ ފަނޑިޔާރުން ސަސްޕެންޑުކުރީ 11:00 ވާން ކުޑަތަންވެފައި އޮއްވައެވެ. އެހެންވެ، ސުޕްރީމް ކޯޓުގައި އެ ވަގުތަށް ތާވަލުކުރި ވަގުތީ އަމުރާ މެދު ގޮތެއް ނިންމާ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ ގާނޫނީ ވަކީލު މަހްފޫޒް ސައީދު 'ސަން'އަށް ވިދާޅުވީ، އަޑުއެހުން ކެންސަލްވި ކަމަށް އިދާރީ މޭޒުން އެންގީ ކޯޓު ރޫމަށް ވަކީލުންނާއި އަޑުއަހާ މީހުން ވެއްދުމަށް ފަހު ކަމަށެވެ. އެކަމަކު، އަޑުއެހުން ކެންސަލްކުރި ސަބަބެއް ނާންގާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://www.sun.mv/203064

ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުން އަދަދު ހަތަކުން ފަހަކަށް މަދުކުރަން ފާސްކޮށްފައެވެ.

މެންބަރުން އެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. އެކަމަކު، އެ އިސްލާހު ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ފުށުއަރާ ކަމަށް ބުނެ، އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ދަނިކޮށް އިއްޔެ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކުރަން ހުށަޅާފައެވެ. އެ ބިލާ މެދު ރޭ 10:30 ވި ފަހުން ކޮމިޓީން ގޮތެއް ނިންމިއިރު، މިއަދު ހެނދުނު ވަނީ އެ ބިލު ފާސްކޮށްފައެވެ. އެ ބިލު ތަސްދީގުކުރުމާ އެކު ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭނެއެވެ.

https://www.sun.mv/203062

ފާހަގަކޮށްލެވޭ ގޮތުގައި އެ ބިލާ ގުޅިގެން ގާނޫނީ ވަކީލުންނާއި އިދިކޮޅު އެމްޑީޕީއާއި ބައެއް ޕީއެންސީގެ މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމަކު، އެ ބިލަށް ވޯޓުދޭން ޕީއެންސީގެ ލީޑާޝިޕުން އެންގުމުން ޕީއެންސީ މެންބަރުން ވަނީ ވޯޓު ދީފައެވެ.

އެ ބިލަށް ވޯޓުދޭން ދެކޮޅު ހެދީ ޕީއެންސީއަށް ނިސްބަތްވާ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. އޭނާ ވަނީ ބިލަށް ވޯޓު ނުދިނީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ފެންނާތީ ކަމަށާއި މައްސަލަ އޮއްވައި ފަނޑިޔާރުން ވަކިނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބިލަށް ވޯޓުނުދިން މައްސަލައިގައި ޕީއެންސީގެ މަޖިލީސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ވަނީ ބޭރުކޮށްލައިފައެވެ.

comment ކޮމެންޓް