ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު، މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުވީ އާދައިގެ ގޮތަކަށް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ހޮޅުދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެފައި ވަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނާއެކު އެ ރަށަށް ވަޑައިގެން އެރަށު ރައްތޔިތުންނާ ބައަދަލު ކުރައްވާ ދެއްކެވި ވާހަަކަފުޅުގައެވެ.
ސީޕީ ވިދާޅުވީ ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ވާނަމަ އެކަން ބައްލަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މި މައްސަލައަކީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަލަމުން އަންނަ މައްސަލައެއްކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑު ބަލާނަން އެ މުއައްސަސާތަކުގެ ވެރީންނަށް ދަންނަވައިގެން އަނެއްކާވެސް، އަޅުގަނޑުމެން ބަލާ ވާހަކަ ދަންނަވާފަ ދުވަސްތަކެއް ނަގައިފި ކަމުގައި ވާނަމަ އޭގެ އިތުބާރުވެސް ގެއްލޭނެ ކަމަކަށް ވާތީވެ ވީހާވެސް ރަނގަޅަކަށް ފުލުހުން މިކަމުގަ ވި އިހުމާލެއް ބަލާފަ އެކަމުގަ ބަޔަކު ޒިންމާވާ ކަމުގައި ވާނަމަ އެފަރާތްތަކާ ދޭތެރޭގަ ފިޔަވަޅު އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން." ސީޕީ ޝުޖާއު ވިދާޅުވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ސީޕީ ފާހަގަކުރެއްވީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ބައްދަލުކުރައްވަން އެދުނު އެންމެނާ ބައްދަލުކުރައްވާފައި ވާކަމެވެ. އަދި އޭގެތެރެއިން އެއް ބައްދަލުވުމުގައި ކަންތައްތަކެއް ފާހަގަކުރެވުމުން ތަހުގީގުގެ ރިވިއުއެއް ހެދުމަށް އެންގުމުން އެ މަސައްކަތްވެސް ކުރިއަށް ގެންދާކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
ސީޕީ ވިދާޅުވީ މިއީ މަރުގެ މައްސަލައެއް ކަމަށާއި މައްސަލައިގެ ފުންމިނަށް ދިއުމަކީ އޭނާގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި މި މައްސަލައިގައި ރާއްޖެއިން ބޭރުގެ ދެ ޓީމަކާ ބައްދަލުކުރައްވާ މިކަމުގައި އެބޭފުޅުންގެ ރައުޔު ވެސް ހޯދާފައި ވާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
ސީޕީ ވިދާޅުވީ މިހާތަނަށް ބެލި ކަންތައްތަކާއެކު ޕެތަލޮޖިސްޓެއްގެ އިތުރުން ނަފުސާނީ އިލްމުވެރީންނާއި މިކަލަ މައްސަލަތަކުގެ ތަޖުރިބާކާރުންނާ އެކު މަސައްކަތްތަކެއް ކުރަން ނިންމާ އެމަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
"އަޅުގަނޑަށްވެސް އެނގޭ މި ތަހުގީގުގަ ހަމަ ތި ބޭފުޅުންވެސް ތި ފާހަގަކުރައްވާ ގޮތަށް ހައެއްކަ މަސް ވަނީ މި އެނގިލައްވާނެ މި ތަހުގީގުގަ އަޅުގަނޑުމެން ވަކި ގޮތެއް ނިންމާ ވަކި ގޮތަކަށް ހަދާނަމަ މިހާ ދުވަހެއް މިކަމަކަށް ނަގާކަށް ނުޖެހޭނެ." ސީޕީ ޝުޖާއު ވިދާޅުވިއެވެ.
"މީގަ ދުވަސްވެސް މި ނަގަނީ އަޅުގަނޑުމެން މިކަމުގަ ހުރި ހައްސާސްކަމާއި ތި ދެންނެވި ގޮތަށް ހުދު އަޅުގަނޑުމެންނަށް ވެސް މި މަރު ވެފައޮތް ގޮތް އެއީ އާދައިގެ ގޮތަކަށް މަރުވެފަ އޮތްކަމަށް ގަބޫލުނުކުރެވޭތީވެ އޭގެ ހަގީގަތް ހޯދުމަށްޓަކައި ކުރާ މަސައްކަތް." ސީޕީ ޝުޖާއު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ތަހުގީގު މަސައްކަތް ނިންމުމަށްފަހު ތަހުގީގީ ރިޕޯޓު ހާމަކުރާނެ ކަމަށެވެ.
މިރޭ ބޭއްވުމު މި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ވަނީ ސީޕީ ސުޖާއު އަދި މިނިސްޓަރު އިހުސާނަށް ވެސް ގިނަ ޝަކުވާތަކެއް ހުށަހަޅާފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ފުލުހުންގެ ފޮރެންސިކް ޓީމު އެރަށަށް އައުމުގެ ކުރިން، ފުލުހުންގެ އޮފިސަރުން "ކްރައިމް ސީން" ރޫޅާލިކަމަށް ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިނިސްޓަރު ވަނީ މި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާކަން ގަބޫލުކުރައްވާ ކަމަށް މިރޭ ވިދާޅުވެފައެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނެވެ.
ފުލުހުން ބުނި ގޮތުގައި ޑޮކްޓަރުގެ ބަހުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ޒަކިއްޔާގެ މަރަށް އިންސާދފު ނުލިބޭކަމަށް ބުނެ އެރަށުގެ އާންމު ވަނީ ސިލްސިލާ އަޑުއުފުލުންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ އަޑުއުފުލުންތަކުގައި މިނިސްޓަރު އިހުސާނުގެ އިސްތިއުފާއަށް ވެސް ގޮވާލާފައި ވެއެވެ.