ށ. އަތޮޅުން ވެސް ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފި

ދިވެހި ޕާސްޕޯޓު -- ފޮޓޯ/ ރާއްޖެ އެމްވީ

ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ށ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

ށ. އަތޮޅުގައި ރަސްމީކޮށް މި ޚިދުމަތް ފައްޓަވައިދެއްވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންސް މުހައްމަދު ޝަމްއާން ވަހީދެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ށ. އަތޮޅުގައި މި ޚިދުމަތް މިއަދު ފަށައިފައި ވާކަމަށެވެ.

އައިޑީ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. މި މަސައްކަތުގެ ދަށުން މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ލ. އަތޮޅާއި ދ. އަތޮޅަށް މި ޚިދުމަތް ވަނީ ފުޅާކޮށްފައެވެ.

އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހު ވަނީ ފަށާފައެވެ.

comment ކޮމެންޓް