ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، އެޗްޑީސީން 'ގެއްލޭނެތަ؟' އާއި 'ވާހަކަޔޯ ވާހަކަޔޯ'

ގެއްލޭނެތަ ސީރީސް ގެނެސްދެނީ އަލް އަސްރު ޖަމިއްޔާއާ ގުޅިގެން --

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް، މުޖްތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، އެޗްޑީސީން 'އަލް އަސްރު' އަދި 'އިލްމް ޖަމިއްޔާ' އާ ގުޅިގެން ރޯދައާ ގުޅޭ ޚާއްސަ ވީޑިއޯ ސީރީޒްތަކެއް ގެނެސްދިނުމަށް ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މި ވީޑިއޯތަކުގެ މަގުސަދަކީ، ރޯދަ މަހާ ދިމާކޮށް، އެ މަހަށް ބޭނުންތެރި އިލްމީ މައުލޫމާތު ފޯރުކޮށްދިނުމާއެކު، އިސްލާމީ ރިވެތި އާދަތަކާއި ދީނުގައި ކަންކަން އޮންނަ ގޮތް، ޝައުގުވެރި އަދި މައުލޫމާތުން ފުރިގެންވާ ވީޑިއޯތަކެއްގެ ސިފައިގައި ގެނެސްދިނުން ކަމަށެވެ.

އެގޮތުން، 'އަލް އަސްރު' އާއި އެޗްޑީސީ ގުޅިގެން "ގެއްލޭނެތަ" ނަމުގައި މީހުން ހޭލުންތެރި ކުރުމަށް ވީޑިއޯ ސީރީޒްއެއް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. "ގެއްލޭނެތަ" ސީރީޒްގެ ދަށުން، ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އިލްމީ މައުލޫމާތުން ފުރިގެންވާ ވީޑިއޯއެއް ހިއްސާކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެއީ، ރަމަޟާން މަހުގައި ރޯދަ ހިފުމުގެ މުހިންމުކަމާއި މާތްކަން އުނގަންނައިދިނުމާއެކު، މުޖްތަމައުގައި ދީނީ ސާބިތުކަން އިތުރުކޮށް ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ ސީރީސްއެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ވާހަކަޔޯ ވާހަކަޔޯ ގެނެސްދެނީ އިލްމު ޖަމިއްޔާއާ ގުޅިގެން --

އޭގެ އިތުރުން، 'އިލްމް' ޖަމިއްޔާއާ ގުޅިގެން، "ވާހަކަޔޯ ވާހަކަޔޯ"ގެ ނަމުގައި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ވާހަކަ ސީރީސްއެއްވެސް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

"ހުޅުމާލޭގެ ހިތްގައިމު މާހައުލުތަކުން މި ވާހަކަ ސީރީޒް ގެނެސްދޭނީ ޝައިހް ޖައުފަރު މުހައްމަދު އުސްމާންއެވެ. މީގެ މަގްސަދަކީ، އިސްލާމްދީނުގެ އަސްލުތަކުގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ އިލްމީ ވާހަކަތަކެއް ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ފޯރުކޮށްދިނުމެވެ." އެޗްޑީސީން ބުންޏެވެ.

އެގޮތުން އެ ސީރީޒްގެ ދަށުން ރޯދަ މަހަގެ ކޮންމެ ހޮނިހިރު ދުވަހަކު، ވާހަކަ އެޕިސޯޑެއް އެޗްޑީސީ އަދި އިލްމު ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ދައްކާނެއެވެ. މިއީ، އެޗްޑީސީން އިލްމް އިންސްޓިޓިއުޓާ ގުޅިގެން މި ސީރީސް ގެނެސްދޭ ދެވަނަ އަހަރެވެ. މި ސީރީސްގެ ސަބަބުން، ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ދީން އުނގެނުމަށް ބާރުއެޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ރަމަޟާން މަހުގައި އެކި ދާއިރާތަކުން މީހުން ހޭލުންތެރިކަން އިތުރު ކުރުމާއެކު ރަމަޟާން މަހާ ދިމާކޮށް އާންމުންނަށް ފޯރުކޮށްދޭ މައުލޫމާތުތަކަކީ އެ މަހަށް ބޭނުންތެރި މައުލޫމާތުތަކަކަށް ހެދުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

comment ކޮމެންޓް