5 މިލިއަން ގަސް އިންދުމުގެ ވައުދު: އެޗްޑީސީން އެއް މިލިއަން ގަސް އިންދަނީ

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމައި ޕްލެޖުގައި ވަނީ ސޮއިކޮށްފައި -- ފޮޓޯ/ އެޗްޑީސީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެއް މިލިއަން ގަސް އިންދުމަށް ނިންމައި ޕްލެޖުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ކުޑަގިރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލްއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމައި ޕްލެޖުގައި ވަނީ ސޮއިކޮށްފައި -- ފޮޓޯ/ އެޗްޑީސީ

އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މައުރޫފް ވިދާޅުވީ މިއީ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ރައީސް އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެ މަސައްކަތަށް އެޗްޑީސީން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

އޭގެ އިތުރުން، ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި އެޗްޑީސީން ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށް ނިންމާފައެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމައި ޕްލެޖުގައި ވަނީ ސޮއިކޮށްފައި -- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ، އެ ކޯޕަރޭޝަނުގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީ ވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުން ކަމަށެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ވައުދުފުޅުގެ ދަށުން، މިދިޔަ އޮކްޓޫބަރުގެ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، 3.1 މިލިއަން ގަސް އިންދުމަށް އެކި ފަރާތްތަކުން މިހާތަނަށް ހަވާލުވެފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް