ލ. ގަމުގައި އެޗްޑީސީގެ ނާސަރީއެއް ތަރައްގީކުރަން ނިންމައި، އެކަމަށް ބޭނުންވާ ބިން ހަމަޖައްސައިފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އިއްޔެ ލ. ގަމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ގަމު ކައުންސިލާ ބައްދަލުކުރައްވާ ނާސަރީ ހެދުމަށް ބޭނުންވާ ބިން ހަމަޖައްސާފައެވެ.
އެޗްޑީސީއިން ނާސަރީ ގާއިމްކުރުމަށް ހަމަޖައްސާފައިވަނީ އެއްލައްކަ އަކަފޫޓުގެ ބިމެއްގައެވެ. އިއްޔެގެ ދަތުރުފުޅުގެ ތެރެއިން އެމްޑީ ވަނީ އެ ސަރަހައްދަށް ޒިޔާރާތްކުރައްވައި އެ ބިން ބައްލަވާލައްވާފައެވެ.

ލ. ގަމުގައި އެޗްޑީސީން ނާސަރީއެއް ތަރައްގީ ކުރަނީ -- ފޮޓޯ/ އެޗްޑީސީ
މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމައި، އެކަމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރެވޭ ނާސަރީއެކެވެ.
އެގޮތުން، ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

ލ. ގަމުގައި އެޗްޑީސީން ނާސަރީއެއް ތަރައްގީ ކުރަނީ -- ފޮޓޯ/ އެޗްޑީސީ
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެއް މިލިއަން ގަސް އިންދުމަށް ނިންމައި އެކަމުގެ ޕްލެޖްގައި އެޗްޑީސީން ސޮއިކުރީ، ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ.

ލ. ގަމުގައި އެޗްޑީސީން ނާސަރީއެއް ތަރައްގީ ކުރަނީ -- ފޮޓޯ/ އެޗްޑީސީ
މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް އެޗްޑީސީއިން ހިފާފައިވާ އަމާޒަށް ވާސިލުމަށްވެސް މަގުފަހިވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުންފުނީގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުން ކަމަށެވެ.