މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރާނީ ރޭގަނޑު، އޮންލައިންކޮށް ނަންބަރު ނަގައިގެން ދެވޭނެ

މަސް ދަޅު ކޭސް ދޫކުރުން: ބުރާސްފަތި ދުވަހުގެ ރޭ މަސްދަޅު ކޭސް ދޫކުރިއިރު، ކިޔޫތައް ދިގުވި ---- ސަން ފޮޓޯ/ މޫސާ ނަދީމް

މާލޭ ސަރަހައްދުގައި މަސް ދަޅު ކޭސް ބަހާ ގަޑި ހަމައެކަނި ރޭގަނޑަށް ބަދަލުކޮށް, އޮންލައިންކޮށް ކިޔޫ ނަންބަރު ނެގޭނެ އިންތިޒާމު ހަމަޖައްސަން ނިންމައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން މަސްދަޅު ކޭސް ލުއި ފަސޭހަކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިންތިޒާމުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، މި ދުވަސްވަރަކީ ހޫނު ދުވަސްވަރަކަށް ވާތީ، މަސްދަޅު ކޭސް ދޫކުރުން ހަމައެކަނި ރޭގަނޑަށް ބަދަލުކޮށްފައިވާ ކަމަށާއި ކިޔޫގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭ ގޮތަށް އޮންލައިންކޮށް ޓޯކަން ނަންބަރު ނެގޭ ގޮތް ހަމަޖައްސާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެ އޮންލައިން ނިޒާމާ ގުޅޭ ތަފުސީލު ފަހުން ހާމަކުރާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މަސް ދަޅު ކޭސް ދޫކުރުން: މިހާރު މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ރޭގަނޑު ---- ފޮޓޯ/ އެސްޓީއޯ

ރޭގަނޑަށް 8:00 އިން މެންދަމު 12:00 ޖެހުމާ ހަމައަށް މަސްދަޅު ކޭސް ދޫކުރާނެއެވެ.

މަސްދަޅު ކޭސް ދޫކުރަނީ އައިޑީކާޑާއި އެއް މަހުގެ ކަރަންޓު ބިލު ގެންދިޔުމުން ކަމަށްވާއިރު، އެންމެ މީހަކަށް ގިނަވެގެން ދޫކުރަނީ ތިން މީޓަރަށް ތިން މަސް ދަޅު ކޭހެވެ.

އޭގެއިތުރުން، ޖުމުލަ 13 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރާއިރު، އެކި ތަންތަނުން ޓޯކަން ނަންބަރު ދޫކުރަނީ އެކި ވަރަށެވެ.

މަސްދަޅު ކޭސް ބަހާ މަރުކަޒުތަކާއި ޓޯކަން ނަންބަރު ދޫކުރާ އަދަދުތައް:

  • މ. މިފްކޯ ކޮމްޕްލެކްސް އިން ރެއަކަށް 200 ޓޯކަން ނަންބަރު ދޫކުރާނެ
  • އެމްޓީސީސީ ސޯމިލް އިން 200 ޓޯކަން ނަންބަރު
  • ހެންވޭރު ދަނޑު މަސް ދަޅު ކޭސް ނަގަން ދޫކުރާނީ 100 ޓޯކަން ނަންބަރު
  • ގަލޮޅު ދަނޑު ސެޓަޕް ވަން އިން 50 ޓޯކަން
  • ގަލޮޅު ދަނޑު ސެޓަޕް ޓޫއިން 50 ޓޯކަން
  • ގަލޮޅު ދަނޑު ސެޓަޕް ތްރީއިން 50 ޓޯކަން ނަންބަރު
  • ގަލޮޅު ދަނޑު ސެޓަޕް ހަތަރެއް 50 ޓޯކަން ނަންބަރު
  • ސޯޝަލް ސެންޓަރު 100 ޓޯކަން
  • ވިލިމާލެ ވެމްކޯ ސައިޓުން 100 ޓޯކަން
  • ހުޅުމާލެ އުމަރު ޒާހިރު ބްލިންޑިން 100 ޓޯކަން
  • ހުޅުމާލެ ޕޮލްކޯ ޓަވަރުން 100 ޓޯކަން
  • ހުޅުމާލެ ހިޔާ ޓަވަރު 10 އިން 100 ޓޯކަން ނަންބަރު
  • ހުޅުމާލެ ކާމިލްދީދީ ޕްރީސުކޫލުން ދޫކުރާނީ 100 ޓޯކަން ނަންބަރު

މާލޭގައި މިހާތަނަށް 9،394 މަސްދަޅު ކޭސް ބަހާފައިވާ ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު އިއްޔެ ވަނީ ވިދާޅުވެފައެވެ. އަދި، މަސްދަޅުކޭސް ބެހުން ހުއްޓާލާނީ ހުރިހާ ގޭބީސީއަކަށް ހަދިޔާ ލިބުނުކަން ޔަގީންވުމުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

https://sun.mv/202864

ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅުކޭސް ދެއްވާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިދިޔަ ރޯދަމަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީފައެވެ. އަދި 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ވެސް ސަރުކާރުން މިދިޔަ ރޯދަމަހާ ދިމާކޮށް ވަނީ ހިލޭ ފޯރުކޮށްދީފައެވެ.

comment ކޮމެންޓް