މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މަސްދަޅު ކޭސް ބަހަން ނިންމާފައިވާ ވަގުތާއި ތަނަށް މިއަދު ބަދަލުގެނެސްފިއެވެ.
އެސްޓީއޯއިން މީގެ ކުރިން ނިންމާފައި ވަނީ، ސިޓީ ކައުންސިލާ ގުޅިގެން މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށެވެ. ނަމަވެސް، މިއަދު އެ ނިންމުން ބަދަލުކޮށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ އެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.
އެހެންކަމުން ކުރިން މަސްދަޅުކޭސް ބެހުމައް ހަމަޖެހިފައިވާ ވަގުތާއި ތަންތަންތަނަށް ވަނީ ބަދަލު އައިސްފައެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސްދަޅުކޭސް ބެހުމަށް ހަމަޖެހިފައިވާކަމަށެވެ. މަސްދަޅު ކޭސް ބަހަން ފަށަން ނިންމާފައި ވަނީ، މިރޭގެ 20:00 ގައެވެ.
މަސްދަޅުތައް ބަހަން ނިންމިފާވާ ސަރަހައްދު ތަކަށް ބަދަލު ގެނެސްފައި ވާއިރު، އެ ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެސްޓީއޯއިން ވަނީ މާޢާފަށްއެދިފައެވެ.
މިގޮތުން މަސްދަޅުތައް ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:
- މިއަދު: 20:30 އިން 23:00 އަށް
- ހުކުރު ދުވަހު މަސްދަޅު ކޭސް ނުބަހާނެ
- ހޮނިހިރު ދުވަހު: 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
- އާދިއްތަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް: 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
ކުރިން މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބަޔާއި މިފްކޯ އޮފީސް ކޮމްޕައުންޑުގައި ކަމަށްވިއަސް މިހާރު މަސްދަޅު ކޭސް ބަހާތަން މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލަށް ބަދަލުކޮށްފައެވެ.
އަދި ވިލިމާލޭގައި މަސްދަޅު ބަހާތަން މިވަނީ ވިލިމާލޭގެ ވެމްކޯ ސައިޓަށް ބަދަލުކޮށްފައެވެ. ހުޅުމާލެ ފޭސް-1 ގައި މަސްދަޅު ބަހާނީ އުމަރު ޒާހިރު ބިލްޑިންގް އަދި ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރުގައި މަސްދަޅު ކޭސް ބެހުން ކުރިއަށް ގެންދާނެއެވެ.
އިތުރަށް ގާއިމް ކުރެވޭ މަރުކަޒުގެ މައުލޫމާތު އެސްޓީއޯއިން ހިއްސާކުރާނެ ކަމަށް އެ ކުންފުނިންބުނެއެވެ.
ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނެގޮތަށް ކަންކަން ރާވާ ބައްޓަންކޮށްފައި ވާކަމަށް އެސްޓީއޯއިން ބުނެއެވެ.