ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އިނާޔަތް ދޭން ހަނދާންކޮށްދީފި

ސިވިލް ސާވަންޓުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރޯދަ މަސް ފެށުމުގެ ކުރިން މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީން މިއަދު ހަނދާންކޮށްދީފިއެވެ.

ވަޒީފާއާބެހޭ ޤާނޫނު ނަންބަރުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް، ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭން ޖެހެއެވެ.

ލޭބާރ އޮތޯރިޓީން މިއަދު ބުނީ، ބައެއް ފަރާތްތަކުން ރޯދަ މަހުގެ އިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވޭކަމަށެވެ. މިދިޔަ އަހަރު ވެސް ރޯދަ އިނާޔަތް ނުލިބިގެން ދިވެހި މުވައްޒަފުންގެ ފަރާތުން ގިނަ މައްސަލަތަކެއް އެ އޮތޯރިޓީއަށް ހުށަހެޅިކަން ފާހަގަކުރިއެވެ.

އެހެންވެ، ސަރުކާރާއި އަދި އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންގެ އިތުރުން ގާނޫނުން ލިބޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށް ވެސް ރޯދަ އިނާޔަތް ދޭންޖެހޭނެ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން ބުނީ، ރޯދަމަސްް ފެށުމުގެ ކުރިން، ވަަޒީފައި އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުލިބޭނަމަ، އެކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ހުށަހެޅޭނެކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް މާދަމާގެ ކުރިން ރޯދަ އިނާޔަތް ދޭން ވެސް ވަނީ ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ އަންގައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދުކުރަން ވެސް ނިންމައިފައެވެ. އެ މަނިކުފާނު ވަނީ އެ ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން އެދިވަޑައިގެންފައެވެ.

comment ކޮމެންޓް