ޖުޑިޝަރީގެ އިދާރީ އެންމެ އިސް މަގާމަށް އަމްޖަދު މުސްތަފާ އައްޔަނުކޮށްފި

އަމްޖަދު މުސްތަފާ: އޭނާ ވަނީ ޖުޑިޝަރީގެ އިދާރީ އެންމެ އިސް މީހާގެ މަގާމަށް އައްޔަނުކޮށްފައި --- ސަން ފޮޓޯ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީޕް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ (ޑީޖޭއޭ)ގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަނުކޮށްފިއެވެ.

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، މި މަގާމަށް އަމްޖަދު މުސްތަފާ އައްޔަނުކުރީ އެ މަގާމަށް ބޭފުޅަކު ހަމަޖައްސަން އިއުލާނުކުރުމަށް ފަހު އިންޓަވިއު ޕެނަލްއިން ކަމަށެވެ.

އެ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، އެންމެ މަތީން މާކްސް ލިބުނީ އަމްޖަދު މުސްތަފާއަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އަމްޖަދު މުސްތަފާ ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީއާއި އިނގިރޭސި ވިލާތުގެ އެންޑް ގްލިއާ ރަސްކިން ޔުނިވާސިޓީޏް ބިޒްނެސް އެންމިނިސްޓްރޭޝަން އިން މާސްޓާސް ހާސިލުކުރައްވާފައެވެ.

އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްކަމާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް