ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، މިހާތަނަށް 100އަށް ވުރެ ގިނަ މީހުންނަށް ފަރުވާގެ ފުރުސަތު ދީފައި ވާކަމަށް އެންޑީއޭއިން ބުނެފިއެވެ.
އެންޑީއޭ އިން ބުނީ މިއީ މަސްތުގެ ހާތުގައި މުޖުތަމައުގެ ތެރޭގައި އުޅޭ މީހުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގައި މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅޭ މީހުން ރިމާންޑް ސެންޓަރަށް ގެންގޮސް ފަރުވާގެ ފުރުސަތު ފަހިކޮށްދެއެވެ.
އެންޑީއޭއިން ވަނީ އެ ބޯޑުގެ 28ވަނަ ބައްދަލުވުން އިއްޔެ ބާއްވާފައެވެ. މި ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖޭގެ އަމިއްލަ ޖަމިއްޔާތަކުގެ ތެރެއިން މިދާއިރާގައި މަސައްކަތް ކުރަމުންދާ ޖަމިއްޔާތަށް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައި ވެއެވެ.
މި ބައްދަލުވުމުގައި، އެންޑީއޭއިން ވަނީ އެ އެޖެންސީން ފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުޙަލާ އަވަސްކުރުމަށްކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
އެންޑީއޭއިން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ އަމިއްލަ ޖަމިއްޔާތަކުގެ ތެރެއިން މިދާއިރާގައި މަސައްކަތް ކުރާ ޖަމިއްޔާތަށް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައި ވާކަމަށެވެ.
މީގެ އިތުރުން، މުރާޖާ ކޮމިޓީން މައްސަލަތައް ނިންމުމުގެ މަރުޙަލާ އަވަސްކުރުމަށް ވެސް މި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށާއި މި ބައްދަލުވުމުގައި ނިންމި ކަންތައްތަކުގެ ސަބަބުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެންޑީއޭއިން ވަނީ ބުނެފައެވެ.
ފަރުވާ ފުރިހަމަނުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅާ އެކަން ތަންފީޒު ކުރުމަށް މުރާޖާ ކޮމިޓީއަށް ވެސް އެންޑީއޭއިން ވަނީ އަންގާފައެވެ.