މި ދުވަސްކޮޅު އެންމެ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯ ކަމަށްވާ "ނައިޓް އޭޖެންޓް"ގެ ލީޑް، ގޭބްރިއަލް ބާސޯ، އެހެން ތަރީން ސިޔާސީވުން ހުއްޓާލައި އެ ކަންތައް ހުއްޓާލުމަށް ގޮވާލައިފިއެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ އެ މީހުންގެ މީޑިއާތައް މެދުވެރިކޮށް ތަފާތު އެކި މެސެޖުތައް ދޭން މަސައްކަތް ކުރާ ބައެކެވެ. އެއާއެކު އިންޑަސްޓްރީގެ ތަރީންނަކީ ވެސް އެކި ކަހަލަ މައުޟޫއުތަކުގައި ސިޔާސީވާ މީހުންނެވެ. މިއީ ގިނަ ފަހަރަށް ވަކި ނުކުރެވޭނެ ދެ ކަމެއް ކަމަށް އެތައް ތަރީންނެއް ގަބޫލު ކުރެއެވެ.
ނަމަވެސް ނެޓްފްލިކްސްގެ ހިޓް ޝޯ ނައިޓް އޭޖެންޓްގެ ލީޑް ތަރި މިކަމާ ދެބަސްވެއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ތަރީންގެ މައިގަނޑު މަސައްކަތަކީ މީހުން މުނިފޫހި ފިލުވުމެވެ. އަދި އޭގެން ބޭރުން އިތުރު ކަންތައްތަކުގައި ތަރީން ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށް ބާސޯ ބުނެއެވެ.
އޭނާ ގަބޫލު ކުރާގޮތުގައި ތަރީން ސިޔާސީ މައުޟޫއުތަކުގައި ވާހަކަ ދެއްކުމަކީ އެ މީހުންގެ މަގާމު އޮޅޭކަން ސިފަވާ ކަމެކެވެ. އެގޮތުން ތަރީން ސިޔާސީ މައުޟޫއުތަކުގައި އަނގަ މަޑުން ލައިގެން ތިބުމަކީ އެންމެ ރަނގަޅު ކަންތައް ކަމުގައި އޭނާ ދެކެއެވެ.
މިކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވެސް ވަނީ އޭނާއަށް ރައްދުވެފައެވެ. އެގޮތުން އެތައް ބަޔަކު ބުނާ ގޮތުގައި ސިޔާސީ އެކި މައުލޫތަކުގައި ތަރިންނަކީ އެންމެ ކުރީ ސަފުގައި ވާހަކަ ދައްކާ މީހުންނެވެ. އަދި ތަރީންނަކީ ބޮޑު ނުފޫޒެއް އޮންނަ ބަޔަކަށް ވާތީ އޭގެ ބޭނުން ހެޔޮ ގޮތުގައި ކުރުން ރަނގަޅު ވާނެ ކަމަށް އެތައް ބަޔަކު ބުނެއެވެ.